ތާލިބާން ޖަމާއަތުން ޖަމާއަތުން އަފްގާނިސްތާނުގައި ހިންގަމުންދާ ހަނގުރާމައިގެ ތެރެއިން އަފްގާނުގެ އެންމެ މުހިއްމު އެއް ސިޓީ، އަދި ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ހިރާތު ހިފައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތާލިބާން ޖަމާއަތުން އެ ސިޓީ އެ ހިފިއިރުގެ، އަފްގާންގެ ވެރިރަށް ކާބުލްގެ ކައިރީ އޮންނަ ޕްރޮވިންސެއްގެ ވެރިރަށް ކަމުގައިވާ ގާޒްނީ ވެސް ވަނީ ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެއާއެކު އެއް ހަފްތާއަށްވުރެ މަދު ދުވަސްކޮޅެެއްގެ ތެރޭގައި އެ ޖަމާއަތުން މިވަނީ އަފްގާންގެ 11 ޕްރޮވިންސެއްގެ ވެރިރަށް އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައެވެ. އަދި މުހިއްމު ސިޓީއެއްކަމުގައިވާ ގާޒްނީ ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ވެސް ބާރުގެ ދަށަށް ގެންގޮސްފާނެ ކަމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ.
ތާލިބާނުން އަފްގާނިސްތާނުގެ މުހިއްމު ސިޓީތައް ހިފުމަށްޓަކައި ތާލިބާން ޖަމާއަތުން ސަރުކާރުގެ ފައުޖުތަކާ ހަނގުރާމަކުރަމުން އަންނައިރު، އަފްގާންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަންދަހާރުގައި މިވަގުތު ބޮޑު ހަނގުރާމައެއް ހިނގަމުން އެބަދެއެވެ.
އަފްގާންގައި ހިނގާ މި ބަގާވާތް ބާރު ސްޕީޑުގައި ކުރިއަށްގޮސް، އާ ސަރަހައްދުތައް ކޮންމެ ދުވަހަކު ހިފަމުން ދާއިރު، 20 އަހަރުވީ މިލިޓަރީ އޮޕަރޭޝަނަށްފަހު އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދިޔުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނިންމައިފައެވެ. އަދި އެތާގައި ތިބި އެހެން ބޭރު ގައުމުތަކުގެ ސިފައިންވެސް ގެންދިއުމަށް ވަނީ އެ ގައުމުތަކުން ނިންމައިފައެވެ.
ގާޒްނީ ސިޓީ ތާލިބާނުންގެ އަތް ދަށަށް ގެނައުމަކީ، އެ ސަރަހައްދުގެ ގޮތުން އަފްގާންގެ ދެކުނުގައި އޮންނަ ވެރިރަށް ކާބުލް ހިފުމަށް ލިބޭނެ މޮޅަކަށެވެ.




