އޯގަސްޓް 14، 2021 ވީ ހޮނިހިރު ދުވަހު ހައިޓީއަށް އައި ބާރުގަދަ ބިންހެލުން

ހައިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި 300 އަށްވުރެ ގިނަ މަރު!

ރެކްޓާ މިންގަނޑުން 7.2 ގެ ބާރު މިނުގައި ހައިޓީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 304 މީހުން މަރުވެ، 1800 މީހުން ޒަހަމްވެއްޖެއެވެ.

ބީބީސީ ނޫހުން ރިޕޯޓުކުރި ގޮތުގައި، އިއްޔެ ހެނދުނު ހައިޓީގެ ހުޅަނގަށް އައި މި ބާރުގަދަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ގިނަ ގިނަ ބަޔަކު ވަނީ އެ އިމާރާތްތައް ދަށުވެފައެވެ. މި ހާދިސާގައި 1800 މީހުން ޒަހަމްވެފައިވާއިރު، އިމާރާތްތައް ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ހައިޓީގެ ބޮޑު ވަޒީރު ވަނީ، މި ބިންހެލުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން 1 މަސް ދުވަހުގެ މުއްދަތަށް ސްޓޭޓް އޮފް އެމާޖެންސީ އިއުލާންކޮށްފައެވެ.

މި ބިންހެލުން އައީ އިއްޔެ ހެނދުނު އެގައުމުގެ ސެއިންޓް ލުއީ ޑު ސޫޑްއާ 12 ކިލޯމީޓަރު ދުރުން، 10 ކިލޯމީޓަރު އަޑިއަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް އެ ބިންހެލުމުގެ އަސަރު، އެ ޓައުންގެ 125 ކިލޯމީޓަރު ދުރުގައި އޮންނަ ވެރިރަށް ޕޯޓް އޯ ޕްރިންސް އާއި އަވަށްޓެރި ގައުމުތަކަށްވެސް ވަނީ ފޯރައިފައެވެ.

ހައިޓީއަށް މި ބާރުގަދަ ބިންހެލުން އައިސްފައި މިވަނީ ، 2010 ވަނަ އަހަރު އައި ބޮޑު ބިންހެލުމުގެ ސަބަބުން ހައިޓީއަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވި އުޅެނިކޮށެވެ. އެ ފަހަރުގެ ބިންހެލުމުގައި 200000 މީހުންގެ ފުރާނަ ގެއްލި، ހައިޓީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ހާލާކުވެ، ގިނަ ބަޔަކު މަރުވެފައިވާއިރު، އަދިވެސް ގިނަ ބަޔަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ