މި މަހުގެ 14 ވަނަ ދުވަހު ރެކްޓާ މިންގަނޑުން 7.2 ގެ ބާރު މިނުގައި ހައިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,941 އަށް އަރައިފިއެވެ.
މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 10000 އެއްހާ މީހުން ޒަހަމްވިއިރު، އަދިވެސް މި ބިންހެލުމަށްފަހު ގެއްލިފައިވާ ގިނަ މީޙުންތަކެއް ނުފެނެއެވެ.
މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގިނަ އިމާރާތްތަކެއް ވެއްޓިފައިވާއިރު، މި އިމާރާތްތައް ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ހަފްތާގައި އައި ބާރުގަދަ ވިއްސާރައިގެ ސަބަބުން އެމީހުން މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
ޔޫއެން އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ސަބަބުން 500،000 އެއްހާ ކުޑަކުދިން ވަނީ ސާފު ބޯފެނާއި، ކާނާއިން އަދި ބޯހިޔާވަހިކަމުން މަހްރޫމްވެފައި ކަމަށެވެ.
ހައިޓީގެ ބޮޑު ވަޒީރު ވަނީ، މި ބިންހެލުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން 1 މަސް ދުވަހުގެ މުއްދަތަށް ސްޓޭޓް އޮފް އެމާޖެންސީ އިއުލާންކޮށްފައެވެ.
ހައިޓީއަށް މި ބާރުގަދަ ބިންހެލުން އައިސްފައި މިވަނީ ، 2010 ވަނަ އަހަރު އައި ބޮޑު ބިންހެލުމުގެ ސަބަބުން ހައިޓީއަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވި އުޅެނިކޮށެވެ. އެ ފަހަރުގެ ބިންހެލުމުގައި 200000 މީހުންގެ ފުރާނަ ގެއްލި، ހައިޓީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.




