އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުގައި ހިނގި ބަޑީގެ ހަމަލާގައި އަފްގާންގެ އެއާޕޯޓު ސެކިއުރިޓީ ގާޑެއް މަރުވެ އިތުރު ތިން މީހުން ޒަހަމް ވެއްޖެއެވެ.
ބަޑިއެއް ހިފަހައްޓައިގެން ހުރި ކާކުކަމެއް ނޭނގޭ މީހަކާއި އެއާޕޯޓުގެ އުތުރަށް ހުންނަ ގޭޓުގައި ހުރި އަފްގާންގެ ސެކިއުރިޓީ ފޯސްއާއި ދެމެދު ބަދަލުކުރި މި ހަމަލާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޖަރުމަނުގެ މިލިޓަރީ އިން ވަނީ ބުނެފައެވެ.
މި ހަމަލާގައި ޖަރުމަނާއި އެމެރިކާގެ މިލިޓަރީ ފޯސްވެސް ބައިވެރިވި ކަމަށް ޖަރުމަނުގެ ސިފައިންގެ އޮފިޝަލަކު މައުލޫމާތު ދިން ކަމަށް ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ތާލިބާން ޖަމާއަތުން އެފަގާންގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު ކާބުލްގެ މައި އެއާޕޯޓުގައި އެކި ހަމަނުޖެހުންތައް އަންނަނީ ހިނގަމުންނެވެ. މީހުން ކާބުލް ދޫކޮށް ގައުމުން ބޭރުވެވޭތޯ އެއާޕޯޓުގައި ތޮއްޖެހިފައިވާއިރު، މިވަގުތު އެއާޕޯޓު އޮތީ އެމެރިކާގެ މިލިޓަރީ ބާރުގެ ދަށަށް ގެނެސްފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން އެމެރިކާ ބޭރުކުރަމުން ގެންދަނީ އެގައުމުގައި ތިބި އެމެރިކާ އާންމު ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި އަފްޣާން ރައްޔިތުންނެވެ.
އަފްގާންގެ އެތައް ބަޔަކު ގައުމުދޫކޮށް ދެވޭތޯ އެއާޕޯޓު ސަރަހައްދުގައި ތޮއްޖެހިފައިވާއިރު، އެކި ހާދިސާތަކުގައި އެއާޕޯޓުގެ އެތެރެއިންނާއި ބޭރުން 20 އަކަށް މީހުން މަރުވެފައިވާ ކަމަށް ނޭޓޯގެ އޮފިޝަލަކު ވަނީ ބުނެފައެވެ. އެއީ
ވައިޓް ހައުސް އިން މިދިޔަ ހޮނިހިރު ދުވަހު ހާމަކުރިގޮތުގައި، މިހާތަނަށް 17000 އެއްހާ މީހުން ވަނީ ވައިގެ މަގުން އަފްގާނުން ބޭރުކުރެވިފައެވެ.
އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް މި މުއްދަތު އިތުރުކުރުމަށް އެކި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.




