މި މަހުގެ ނިޔަލަށް ސިފައިން ނުފައިބައިފިނަމަ ފިޔަވަޅު އަޅާނަން: ތާލިބާން

އެފްގާނިސްތާނުގެ ކާބުލް އެއާޕޯޓުން އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުން އަފްގާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސިފައިން އަފްގާނުގައި ތިބުމަށް ކަނޑައަޅައިފައިވާ މުއްދަތު އިތުރުކޮށްދިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފިއެވެ.

އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް މި މުއްދަތު އިތުރުކުރުމަށް އެކި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

ތާލިބާންގެ މެންބަރެއް ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އެއްބަސްވެފައި އޮތް ގޮތަށް ކަންތައްނުކޮށްދިނަމަ ނަތީޖާ ގޯސްވާނެ ކަމަށެވެ.

ތާލިބާނުން އަފްގާންގެ ވެރިރަށް ކާބުލް ހިފުމާއެކު އެތައް ހާސް ބަޔަކު އެގައުމު ދޫކޮށް ދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި  އެތައް ހާސް ބަޔަކު ވަނީ އަފްގާނިސްތާނުން ފުރުމަށް ކާބުލް އެއާޕޯޓަށް ޖަމާވެފައެވެ.

ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓް މިވަގުތު އޮތީ  އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި އޮތްއިރު، އެމެރިކާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އަފްޣާނިސްތާނުން އެމެރިކާ ބޭރުކުރަމުން ގެންދަނީ އެގައުމުގައި ތިބި އެމެރިކާ އާންމު ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާއަށް އެކިގޮތްގޮތުން އެހީތެރިވި އަފްޣާން ރައްޔިތުންނެވެ.

މި އޮޕަރޭޝަން މި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމުގެ ޔަގީންކަން ނެތްއިރު، ގިނަ ގައުމުތަކުން އަންނަނ މި މުއްދަތު އިތުރުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް  އެމުއްދަތަށްފަހުވެސް އެ އޮޕަރޭޝަން ނިންމާލެވެންދެން އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ތިބެންޖެހިދާނެކަމާމެދު ޖޯ ބައިޑަން އަދި ގޮތެއް ނުނިންމައެވެ.

އަފްގާންގެ އެތައް ބަޔަކު ގައުމުދޫކޮށް ދެވޭތޯ އެއާޕޯޓު ސަރަހައްދުގައި ތޮއްޖެހިފައިވާއިރު، އެކި ހާދިސާތަކުގައި އެއާޕޯޓުގެ އެތެރެއިންނާއި ބޭރުން 20 އަކަށް މީހުން މަރުވެފައިވާ ކަމަށް ނޭޓޯގެ އޮފިޝަލަކު ވަނީ ބުނެފައެވެ. އަދި އެއާޕޯޓު ތެރޭގައި ހިނގި ބަޑީގެ ހަމަލާގައި އަފްގާންގެ އެއާޕޯޓު ސެކިއުރިޓީ ގާޑެއް ވަނީ މި މަހުގެ 23 ވަނަ ދުވަހު މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ