ދިވެހިރާއްޖޭގެ ތިމާވެށީގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ނަމޫނާ ދައްކަވައި "ތިމާވެށި އެމްބެސެޑަރުންނަށް" ވެލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލީޙް އެދިލައްވައިފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގެންނެވީ މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ތިމާވެށީގެ ވަޒީރުންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިމާވެށީގެ ވަޒީރުންގެ ޖަލްސާގައި ރައީސް ޞޯލިޙް ވިދާޅުވީ، ސްކޫލްތަކުގައި އެންވަޔަރަންމަންޓް އެމްބެސެޑަރުން ތައްޔާރުކުރުމަށްޓަކައި، ކުރިން މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެންވަޔަރަންމަންޓް އެމްބެސެޑަރުންނަށް ވެލެއްވުން ރަނގަޅު ކަމަށެވެ.
"ކޮންމެ ބޭފުޅަކީ (ކުރިން މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން) އެންވަޔަރަންމަންޓް އެމްބެސެޑަރަކަށްވެ، މިކަން ރައްޔިތުންނަށް ކިޔައިދޭން، ތިޔަބޭފުޅުން ނުކުމެވަޑައިގަންނަވައި ލީޑްކޮށްދެއްވާ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، އެބޭފުޅުންގެ ސްކޫލްތަކުގެ ދަރިވަރުން އެމްބެސެޑަރުންގެ ގޮތުގައި ނެރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތް ކުރައްވާ ކަމަށާއި، އެގޮތުން ސިންގަލް ޔޫސްޑް ޕްލާސްޓިކް މަދުކުރުމާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މަސައްކަތުގެ އިތުރުންވެސް ބައެއް ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމަކު މިކަން ދާއިމީ ގޮތެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ގެންދެވޭނީ، އެންމެން އެކީގައި މަސައްކަތް ކުރެވޭނެ މިޞްރާބެއް ހޯދިގެން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.



