އަފްޣާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ދެމަފިރިންނާއި އެ ދެމަފިރިންގެ ހަތަރު ދަރިން ޖަލުން މިނިވަން ވެއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއާއި ހަވާލާދީ އޮންލައިން ނޫސް "ސަން" ގައި ރިޕޯޓުކޮށްފައި ވަނީ، އެމީހުން މިނިވަން ވީ ތާލިބާންގެ ކޯޓަކުން އެމީހުންގެ މައްސަލަ ބެލުމަށްފަހު އެމީހުންނަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމުން ކަމަށެވެ.
އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ ކުރީގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެމީހުންގެ ހަތަރު ކުދިންނެވެ.
އެ އާއިލާ މިނިވަންވި ކަމުގައިވިޔަސް އަފްޣާނިސްތާން މިހާރު އޮތް ހާލަތުން އެމީހުން ރާއްޖެ ގަނައުމުގައި ދަތިތަކެއް ހުރި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މީގެ ތިން އަހަރު ކުރިން ނޮވެމްބަރު 11، 2018 ގައި އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން އެމީހުން ހައްޔަރުކޮށް 21 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކުރި އެވެ.
ފުލުހުން ބުނި ގޮތުގައި ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނަށް ދިޔައީ 23 ޖޫން 2018ގައި ފުރަތަމަ ސްރީލަންކާއަށް ގޮސް، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާ އިން ޕާކިސްތާނަށް ދިޔުމަށް ފަހުއެވެ.
2015 ވަނަ އަހަރު ޝާފިއު ވަނީ ޖިހާދަށް ކަމަށް ބުނެ އަނބިމީހާ އާއި ދަރިން ގޮވައިގެން ސީރިއާއަށް ފުރަން އުޅެނިކޮށްވެސް ރާއްޖެ އެއާޕޯޓުން ހިފަހައްޓައިފައެވެ.




