ވޮމެންސް ވޯލްޑްކަޕްގައި ރޭ އިޓަލީ އަދި ބްރެޒިލް ބައްދަލުކުރި މެޗުގައި ޖެހި ލަނޑާއެކު ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ބްރެޒިލްގެ އަންހެން ޤައުމީ ޓީމުގެ އުމުރުން 33 އަހަރުގެ މާތާ ވެއްޖެއެވެ.
ރޭގެ މެޗުގައި މާތާޖެހި ލަނޑާއެކު އޭނާ ވޯލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދުވަނީ 17 އަށް އަރާފައެވެ.
މިރެކޯޑު ކުރިން އޮންނަނީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ އަތުގައެވެ. ކްލޯސޭ ހަތަރު ވޯލްޑްކަޕެއް ޖަރުމަށް ކުޅެދީފައިވާއިރު ވަނީ ޖުމްލަ 16 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިލިސްޓްގެ ތިން ވަނަ ލިބެނީ ބްރެޒިލްގެ ރޮނާލްޑޯ އަށެވެ. އޭނާވަނީ ތިން ވޯލްކަޕުން ޖުމްލަ 15 ލަނޑު ކާމިޔާބުކޮށްފައެވެ.

1-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާތާ ކާމިޔާބުކޮށްދިނީ ލިބިނު ޕެނަލްޓީއަކުންނެވެ.
ރޭގެ މެޗުން ބްރެޒިލް އަތުން އިޓަލީ ދަށްވިނަމަވެސް ގޯލްގެ ތަފާތުން އެގްރޫޕްގެ އެއްވަނަ ލިބުނީ އިޓަލީއަށެވެ. ބްރެޒިލްއަށް ގުރޫޕްގެ ތިންވަނަ ލިބޭއިރު ދެވަނަގައި އޮތީ އޮސްޓްރޭލިއާއެވެ. މިތިން ޓީމަށްވެސް ޖުމްލަ 6 ޕޮއިންޓް ލިބިފައިވެއެވެ. އިޓަލީ އަދި އޮސްޓްރޭލިއާ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައިވާއިރު ބްރެޒިލް ދެވަނަ ބުރަށް ދާނެކަމެއް ނުވަތަ ނޫންކަމެއް ޔަޤީންވާނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިމުމަށްފަހުގައެވެ.
މުބާރާތުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރު މިހާރު ޔަޤީންކޮށްފައިވަނީ ޖާމަނީ، އޮސްޓްރޭލިއާ، ނޯވޭ، ފްރާންސް، ސްޕެއިން އަދި އިޓަލީއެވެ.



