ބްރިޓްނީ ސްޕެއާސް މީސްމީޑިއާއާ ދުރަށް ޖެހިލައިފި

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް ކުޑަދުވަސްކޮޅަކަށް މީސްމީޑިއާއި ދުރަށްޖެހިލައިފި ކަމަށް އޭނާ ހާމަކޮށްފިއެވެ.

ބްރިޓްނީ ސްޕެއާސް އާއި އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީއާ އެންގޭޖް ވެފައިވާކަން ދާދިފަހަކުން މި ދެމީހުން ވަނީ ހާމަކޮށްފައެވެ. ސޭމް އާއި ބްރިޓްނީ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރުއެވެ.

ބްރިޓްނީ މިއަދު ކުރި ޓްވީޓެއްގައި ބުނީ، އޭނަގެ އެންގޭޖްމެންޓް ފާހަގަކުރުމަށް މީސްމީޑިއާއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލީ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެނބުރި އަންނާނެކަމަށް ބްރިޓްނީ ބުންޏެވެ.

ބްރިޓްނީ އޭނަގެ ދުވަސްވީ ލޯބިވެރިޔާ ސޭމް އާއި އެންގޭޖް ވެފައި މިވަނީ، 13 އަހަރު ވަންދެން އޭނަގެ ބައްޕައާއެކު ހަދައިފައިވާ "ކޮންޒަވޭޓަޝިޕް" އެއްބަސްވުން އެންމެފަހުން ނިމުމަކަށް އައިސް، ބްރިޓްނީ މިނިވަން ވުމަށްފަހުއެވެ.

2008 ވަނަ އަހަރުން ފެށިގެން "ކޮންޒަވޭޓަރޝިޕް"އެއް ދަށުގައި އުޅެމުންދާ ބްރިޓްނީ އެންމެ ފަހުން މިނިވަން ވެފައި މިވަނީ، އޭނާ މިނިވަން ކުރުމަށް އޭނަގެ ފޭނުންވެސް އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ.

ބްރިޓްނީ އޭނަގެ ބައްޕައާއެކު "ކޮންޒަވޭޓަރޝިޕް" ހެދީ ނުވަތަ އޭނާގެ ހުރިހާ ކަމެއް ބެލެއްހެޓުމުގެ ގާނޫނީ ބާރުވެރިކަން ބައްޕައަށް ހަވާލުކުރީ ނަފްސާނީ މައްސަލަތަކާއި އަދި މިއުޒިކް ކެރިއަރުގައި ދިމާވީ އަހުލާގީ އެކި ކަހަލަ މައްސަލަތަކާއި ގުޅިގެންނެވެ.

ކޮންޒަވޭޓަޝިޕަކީ ދިމާވާ ކަމަކާ ހެދި މީހެއްގެ ކަންކަން އަމިއްލަ ނުބެލެހެއްޓޭ ހާލަތެއް މެދުވެރިވުމުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މީހެއްގެ ކަންކަން ބެލެހެއްޓުމުގެ ބާރު އެހެން މީހަކާ ކޯޓުން ހަވާލުކުރުމެވެ.

ބްރިޓްނީ ބުނި ގޮތުގައި، އޭނަގެ ބައްޕައާއެކު ހެދި "ކޮންޒަވޭޓަރޝިޕް" ގެ ސަބަބުން އޭނަގެ މުޅި މިއުޒިކް ކެރިއާ ހަލާކުވިއެވެ. ބައްޕަ އޭނާ ގެންގުޅުނީ ކޮންޓްރޯލުކޮށް އަޅުވެތިކޮށްގެން ކަމުގައި ބްރިޓްނީ ބުނެފައިވެއެވެ. އަދި ބްރިޓްނީ ބުނާގޮތުގައި އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އާއި މުޅި މިލްކިއްޔާތުވެސް އޮންނަނީ އޭނަގެ ބައްޕަ އަށް ދާގޮތަށެވެ.

ބްރިޓްނީ ކުރިން ދެ ކައިވެންޏެއް ކުރިއިރު، އޭނާ އަކީ ދެ ކުދިންގެ މަޔެކެވެ.  16 އަހަރާއި 15 އަހަރުގެ މި ފިރިހެން ދެ ދަރިންގެ ބައްޕަ އަކީ ބްރިޓްނީ ދެވަނަ އަށް ކައިވެނިކުރި އެމެރިކާގެ މިއުޒިޝަން ކެވިން ފެޑަލީން އެވެ. ބްރިޓްނީ އާއި ކެވިން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ