މާލެ ސަރަހައްދުގެ ގޭބިސީތަކުން މަގުމައްޗަށް ކުނި ނުނެރި، ހިދުމަތަށް ރެޖިސްޓްރީ ކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ކޮވިޑްގެ އާންމު ހާލަތާއެކު އިއްޔެ އިން ފެށިގެން ވެމްކޯއިން ކުނި ނަގަަން ފަށާފައިވަނީ، އެ ކޯޕަރޭޝަނުގެ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކަށް ގޮސް ވަކި ވަކި ފަންގިފިލާއިންނެވެ. އަދި ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނުނަގާނެ ކަމަށް ވެމްކޯއިން މީގެ ކުރިންވެސް ވަނީ އަންގައިފައެެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، މިއަދު މާލެ މަގުތަކުގައި ކުނިތައް ފުނިޖެހި، އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. އަދި އެއާއެކު ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޒިންމާ އަދާނުކުރާ ކަމަށް ބުނެ މާލެ މަގުތަކުގައި ހުރި ކުނިތައް ނަގަން ފަށައިފައެވެ.
މިކަމާއި ގުޅިގެން މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، އިއްޔެ އިން ފެށިގެން މާލެ ސަރަހައްދުގައި ގޭގެއަށް ވަދެ ވެމްކޯއިން ކުނި ނަގައިދެމުން ދާ އިރު މިހާރު މާލޭގެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓާ ނުވާ 10000 އާއި 15000 އާ ދެމެދުގެ ގޭބިސީ އެބަ ހުރި ކަމަށެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާއި ގުޅިގެން ކުރިމަތި މައްސަލަތަކާއި ގުޅިގެން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނުނެރުމަށާއި އަދި ހިދުމަތަށް ރެޖިސްޓްރީ ވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހިދުމަތަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މާލޭގެ ދިރިއުޅޭ މީހުންނަށް އިތުރު ކޮށްފައިވާ ކަމަށް ވެމްކޯއިން މިއަދު އިއުލާންކުރިއެވެ. މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ ނިޔަލަށެވެ.
ވެމްކޯގެ އެމްޑީ އާދަމް ވިދާޅުވީ، މިގޮތަށް ނިންމައިފައި މިވަނީ ރެޖިސްޓްރީ ނުކޮށް ހުރި ވަރަށް ގިނަ ގޭބިސީތަކުން ރޭ މަގުމައްޗަށް ކުނި ނެރުމާއި ގުޅިގެން ކަމަށެވެ. އަދި މި މައުލޫމާތު ރަނގަޅަށް ފުރިހަމައަށް ނުލިބޭނެ ގޭބިސީތަކަށް ފުރުސަތު ދިނުމަށްކަމަށް އެމްޑީ ވިދާޅުވިއެވެ.
ވެމްކޯއިން ވިދާޅުވީ، މިހާރު ރަޖިސްޓާ ވެފައި ތިބީ 16000 ގޭބިސީ ކަމަށާއި އެ ގޭބިސީތަކުގެ ތެރެއިން ޕެންޑިން ބިލްތައް ނުދައްކާ ހުރީ 4000 ގޭބިސީ ކަމަށެވެ.. ނަމަވެސް 12000 އެއްހާ ގޭބިސީ އަކީ ތިން މަހަށް ވުރެ ގިނަ މަސްތަކަށް ބިލް ނުދައްކާ ހުރި ގޭބިސީތައް ކަމަށް ވެމްކޯއިން ފާހަގަކުރިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ފެށިގެން ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ވެމްކޯއިން ކުނި ނެގުމުގެ އުސޫލު ބަދަލުކޮށްފައިވަނީ، ރައްކާތެރިކަމަށްޓަކައި މަގުމައްޗަށް ކުނި ނެރުމުން ކުނި ނަގާގޮތަށެވެ. އަދި އެ ދުސްވަރު ރެޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށާއި، އަދި ބިލްތައް ނުދައްކާ ފަރާތްތަކަށްވެސް ވެމްކޯއިން ހިދުމަތް ފޯރުކޮށްދިން ކަން ވެމްކޯއިން މިއަދު ވަނީ ފާހަގަކުރައްވައިފައެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާ އެކު، ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ނިކުމެ ކުނި ނަގައިފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގަބޫލުކުރާ ފެންވަރަށް މާލެ ސިޓީގެ މަގުތައް ކުނި ކަހާ، ކުނި އުކާލުމަށް ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއް ވެފައި އޮންނާނެ ކަމަށެވެ. އަދި މާލޭގެ މަގުތަށް ސާފުކޮށް ބޭއްވުމުގެ މަސައްކަތަށް ކައުންސިލުން ކޮންމެ މަހަކު 3.1 މިލިއަން ރުފިޔާ ވެމްކޯއަށް ހަރަކަރު ކުރާކަމަށެވެ. އެހެންކަމުން ގޭބެސީ ތަކުން ކުނިތައް މަގުމައްޗަށް ނެރެފިނަމަ އެކަނި ނެގުމުގެ ޒިންމާވެސް އުފުލަން ޖެހޭނީ ވެމްކޯއިން ކަމަށް ނަރީޝް ވިދާޅުވިއެވެ.
އަދި ވެމްކޯއިން ރެޖިސްޓަރ ކޮށްފައި ހުރި ގޭބިސީތަކުން ކުނި ނަގަން ނިންމިނަމަވެސް، މި އެއްބަސްވުމުގައި ވާގޮތުން މަގުމައްޗަށް ނެރޭ ކުނިވެސް ނަގަން ޖެހޭނީ ވެމްކޯއިން ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިއަދު ސިޓީ ކައުންސިލުން މަގުތަކުގައި ހުރި ކުނިތައް ނަގަން ފެށީ ވެމްކޯއިން އެ ޒިންމާ ނުނެގުމުން ކަމަށްވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެމްކޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި ވެމްކޯއިން ސޮއިކޮށްފައިވަނީ އެންމެ އެގްރީމެންޓެއްގައި ކަމަށެވެ. 2018 ވަނަ އަހަރު ސޮއިކުރެވުނު މި އެއްބަސްވުމުގައި ވެމްކޯއާއި އެކު، އޭރުގެ ހައުސިން މިނިސްޓްރީ އާއި އެންވަޔަރމެންޓް މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށް އާދަމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ބަދަލުވުމާއެކު މި އެއްބަސްވުން 2019 ވަނަ އަހަރު ސިޓީ ކައުންސިލާއެކު ބަދަލުކުރެވުނު ކަމަށެވެ.
މާލެ ސިޓީ ކައުންސިލާއެކު ބަދަލުކުރެވުނު އެއްބަސްވުމުގެ މައުލޫއަކީ ހަމަ އެކައްޗެއް ކަމަށާއި އަދި މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލާއެކު އެ އެއްބަސްވުމުގައި މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމާއި ގުޅޭ އެއްވެސް ކަމެއްގައި ސޮއިކޮށްފައި ނުވާކަމަށެވެ. ކޮވިޑްގެ ހާލަތު ބަދަލުވުމާއެކު ހިދުމަތްތައް ބަދަކުރުމަށް ސިޓީ ކައުންސިލާއިއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭގޮތަށް ބަދަލުގެންނަން ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށް އެކަންކަމަށް އެދުމުން ވެމްކޯއިން ވަކިގޮތެއް ނިންމާނީ ސަރުކާރާއި އެޗްޕީއޭއާއި ވާހަކަ ދެއްކުަމށްފަހު ކަމުގައި ދެންނެވިން ކަމަށެވެ.
އެގޮތުން އެޗްޕީއޭއާއި މަޝްވަރާ ކުރުމަށްފަހު، ސިޓީ ކައުންސިލާވެސް މަޝްވަރާކޮށް، ފަހުން އުސޫލު ބަދަލުކޮށް ވެމްކޯއިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގައި އިމާރާތްތަކުގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނަގާގޮތަށް ހަމަޖައްސާ އިއުލާންކުރި ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.





ހިޔާލު
ކުނިތައްސާފުކުރެވޭނީީ ކެތްތެރިކަމާއިިއެކުު ކުރީންވެސްް ގެންގުޅުނުު އުސޫލުތައްް ދަމަހައްޓައިގެން