ކެފޭގެ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެތައް ތަނެއް އިހަކަށްދުވަހު ފުލުހުން ވަނީ ބަންދުކޮށްފައެވެ. މި ނޫން ގޮތްގޮތަށް އަދިވެސް ރާއްޖޭގައި މި ވިޔަފާރި ފުޅާކުރަމުން ގޮސް، ދިވެހި ޒުވާނުންނާއި އަހަރެމެންގެ ޅަދަރިން އަންނަނީ މަސްތުގެ ވަބާގައި ޖެހެމުންނެވެ.
މިއަދުގެ ހުކުރު ހުތުބާގައިވެސް އަލިއަޅުވާލައިފައިވަނީ މި މައުޟޫއަށެވެ.
އިސްލާމް ދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ޙަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމަޢާއި އަފްރާދުން ސަލާމަތް ކޮށްދިނުމަށެވެ. މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއް ކަން ބަޔާންކޮށްދެއްވައި، ލޮބުވެތި މާތް ނަބިއްޔާ
މުޙައްމަދު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މަސްތުވާ ކޮންމެ އެއްޗަކީ ރަލެކެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ"
އިސްލާމްދީނުގައި މަސްތުވާތަކެތި ހަރާމްކުރައްވައިފައި ވީނަމަވެސް، މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރި ގޮތުގައި މިއަދު އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމަޢުގައި، މަސްތުވާ ތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް ޢާއިލާއެއް މަދެވެ. އަދި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްޞަ ކެފޭތައް ސިއްރިޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ޙަޤީޤަތެކެވެ.
މިއީ ހަޤީގަތް ނަމަވެސް މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން މުޅި ޙަޔާތް ބިނާ އެކުރަނީ ޙަރާމް ވިޔަފާރިއެއްގެ މައްޗަށެވެ. އެހެނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ އެއްޗެއްކަން ކީރިތި ޤްރުއާންގައި މާތްﷲ ވަނީ ބަޔާންކުރައްވައިފައެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނޭވެ! މިއަދު ތިބާ އެންމެ ލޯބިވާ އަނބިދަރިންނަށް ތިޔަ ކާން ތިޔަދެނީ ކަނޑައެޅިގެން އަލިފާނެވެ." މިއަދުގެ ހުކުރު ހުތުބާގައިވެއެވެ. އަދި ޙަރާމް ތަކެތި ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާވެގެންވަނީ ނަރަކަ ކަމަށް ނަބަވީ އިރުޝާދުތަކުގައި ބަޔާންކުރައްވާފައިވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި މިވަނީ ވަރަށް ފުޅާވެފަ އެވެ. ކުރިން މަގުމަތީގެ ކަންމަތީގައި ހުރެގެން ކުރި ވިޔަފާރި ޑީލްތައް މިހާރު ކުރަމުން އަންނަނީ ގެތަކުގައެވެ. އަދި ކެފޭގެ އުސޫލުން ހިންގާ މި ތަންނަތަނަކީ "ޑްރަގް ކެފޭ" ތަކެވެ. އެތަންތާ މަސްތުގެ ހާލުގައި އިނދެ ދިވެހި މުޑުދާރު އަމަލު ހިންގަނީ އެވެ.




