ތަނެއްގެ ހަމަޖެހުން ބިނާވެގެންވަނީ އެތަނެއްގެ މުޖުތަމައުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި، މިއަދު ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި އެންމެން ގުޅި، ހިއްސާވުން އަދި ރައްޔިތުން އެދޭ ކަންކަން ހާސިލު ކުރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރަޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ކައުންސިލްތަކާ ގުޅިގެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
މިގޮތުން ވަކިން ޚާއްޞަކޮށް، ތައުލީމީ ދާއިރާއިން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މީގެ ކުރިން ރާއްޖޭގައި ކަނޑައަޅާފައި ނުވާވަރުގެ ބޮޑު ބަޖެޓެއް މިއަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ. އަދި، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ތައާރަފު ކުރެއްވުމާއި، ޒުވާނުންގެ ކުރިއެރުމަށްޓަކައި އެކިއެކި ދާއިރާއިން ފަހި ކޮށްދެއްވަމުން ގެންދަވާ ފުރުސަތުތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހޯނޑެއްދުއަށް ކުރެއްވި މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވިއެވެ.



