މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމްގެ ނަމުގައި ތައިލެންޑުގެ ވިޔަފާރިވެރިންނާއެކު މިމަހު ފޯރަމެއް ބާއްވަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
މި ފޯރަމަކީ މިނަމުގައި ބޭއްވޭ ހަތަރުވަނަ ފޯރަމެވެ. ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު، ދަރުބާރުގޭގެ ފާށަނާ މާލަމުގައެވެ.
ފޯރަމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވިޔަފާރިތަކަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، މިފޯރަމްގެ ތެރެއިން ރާއްޖެއާއި ތައިލެންޑުގެ ވިޔަފާރިވެރިން ގުޅުވާލަދީ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. މިބައްދަލުވުމުގައި ތައިލެންޑުގެ މޭވާއާއި ތަރުކާރީގެ ވިޔަފާރީކުރާ ފަރާތްތަކާއި، ތެލާއި ހަނޑުލުގެ އިތުރުން، ގޭގައި ގެންގުޅޭ ސާމާނާއި ފަރުނީޗަރުގެ ވިޔަފާރިކުރާ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.
މިފޯރަމްގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރީވެރިންނަށް ފުރުޞަތުވަނީ ހުޅުވާލައިފައެވެ.




