ނޭކުރެންދޫ ކުޅިއަކީ އަޖައިބެއްފަދަ ރީތި ގުދުރަތީ ހަދިޔާއެއް ކަމަށް ތިމާވެށީގެ މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ނޭކުރެންދޫ ކުޅިއަށް އެރިވަޑައިގެން ނަންގަވާފައިވާ ފޮޓޯތަކެއް މީސްމީޑިއާއަށް ދޫކޮށްލައްވަމުންނެވެ.
އުތުރުގެ އަތޮޅުތަކުގެ ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ނޭކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ މުހިންމު ފޮޓޯތަކަށް މީސްމީޑިއާގައި ހިއްސާ ކުރައްވާފައިވާއިރު، އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ މިނިސްޓަރު އެރަށު ކުޅިއަށް އެރިވަޑައިގެން ނަންގަވާފައިވާ ފޮޓޯއެވެ.

ނޭކުރެންދޫ ކުޅިއަށް އެރިވަޑައިގެން ނަންގަވާފައިވާ ފޮޓޯތައް ޓްވިޓަރގައި ހިއްސާ ކުރައްވާފައިވަނީ ހުދު މިނިސްޓަރުގެ އަމިއްލަފުޅު ޓްވިޓަރ އެކައުންޓުންނެވެ. ކުޅިއަށް އެރިވަޑައިގަތުމުގައި މިނިސްޓަރުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ނޭކުރެންދޫގެ ބައެއް އިސްވެރިންވެސް ބައިވެރި ވެވަޑައިގެންނެވިއެވެ.
"ނޭކުރެންދޫ ކުޅި އަކީ އަޖައިބެއް ފަދަ ރީތި ގުދުރިތީ ހަދިޔާ އެއް. އެ ކުޅި އަށް އެރެލުމަކީ މުޅިން އައު އުފާވެރި ތަޖުރިބާ އެއް. މި ޖަޒީރާ ރާއްޖެ އަކީ، މިފަދަ ނަލަ، ރީތި ގުދުރަތީ އެތަކެއް ހަދިޔާއެއް ގުދުރަތުން ދެއްވާފައިވާ ގައުމެއް." ތިމާވެށީގެ މިނިސްޓަރު ވިދާޅުވިއެވެ.
ނޭކުރެންދޫ ކުޅިއަށް މިނިސްޓަރު އެރިވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ހދ. ކޭލަކުނަށް ޒިޔާރަތް ކުރައްވައި އެރަށުގެ ތިމާވެށީގެ ހާލަތުވެސް ބައްލަވާލައްވާފައެވެ. އެ ދަތުރުގައި ކޭލަކުނު ކަނޑޫފަލަށާއި، ކުޅުދުއްފުށީ ކުޅިއަށްވެސް މިނިސްޓަރު ވަޑައިގެންނެވިއެވެ.

ނޭކުރެންދޫ ކުޅިއާއި، ހދ. ކޭލަކުނަކީ ތިމާވެށީގެ ޤާނޫނުގެ ދަށޫން ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ތަންތަނެވެ.




