މި މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ޝިއްދަތު"ގައި ހިމެނޭ އެ ފިލްމްގެ ހިތްގައިމު ޓައިޓަލް ލަވައަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި މަނާން ބާރްދްވާޖްގެ އަޑުން އިވިގެން ދިޔަ މި ލަވައިގެ އަންހެން ވާޝަންއެއްވެސް ވަނީ ރިލީޒްކޮށްފައެވެ.
އަންހެން ވާޝަން ކިޔައިފައިވަނީ، ރީތި އަޑެއްގެ ވެރި، އަދި ދާދިފަހަކުން އެންމެންގެ މަޤުބޫލުކަން ހޯދި ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޯހާނީއެވެ. ޔޯހާނީގެ ހިތްގައިމު އަޑުން މި ލަވަ ކިޔައިފައިވަނީ ވަރަށް ފުރިހަމައަށެވެ.
އެއާއެކު މި ލަވަ ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި ލަވައަށް ވަނީ ހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ. އަދި ބެލުންތެރިންގެ ފަރާތުންވެސް މި ލަވައަށް އަންނަނީ ތައުރީފުކުރަމުންނެވެ.
ޔޯހާނީ އާއްމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ އޭނާ ކީ ސިންހަޅަ ލަވައެއް ކަމުގައިވާ "މަނިކޭ މަގޭ ހިތޭ" ގެ ކަވާ ވާޝަން ކިޔައިގެންނެވެ. އަދި އާއްމުކޮށް ސިންހަޅަ ލަވައާއި، ހިންދީ ލަވަތަކުގެ ކަވާ ވާޝަންތައް ކިޔާ އުޅޭ، ޔޯހާނީ އެންމެ ބޭނުންވަނީ ބޮލީވުޑުގައި ލަވަކިޔަންކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
"މަނިކޭ މަގޭ ހިތޭ" ގެ ޔޯހާނީ ކީ ކަވާ ވާޝަންއާއެކު އޭނާގެ މަޝްހޫރުކަންވެސް މިހާރު ބޮޑުވެފައިވާއިރު، މި ލަވައިގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ ދިވެހިިންނެވެ. އެގޮތުން މި ހާރު ވަނީ މި ލަވައިގެ ދިވެހި ވާޝަންތަކެއްވެސް އުފައްދައިފައެވެ.



