2019 ވަނަ އަހަރު ނިއްމާލި އެޗްބީއޯގެ ކާމިޔާބު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ސީރީޒް "ހައުސް އޮފް ޑްރެގަންސް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
"ހައުސް އޮފް ޑްރެގަންސް"އަކީ "ގޭމް އޮފް ތްރޯންސް"ގެ ދުވަސްތަކުގެ 200 އަހަރު ކުރިއަށް ޖެހިލާ "ޓާރްގޭރިއަންސް" އާއިލާގެ ދުވަސްތައް ދައްކުވައިދޭނެ ފިލްމެކެވެ.
މި ސީރީޒަށް ގޭމް އޮފް ތްރޯންސްގެ ފޭނުން އިންތިޒާރުކުރަމުން އައިއިރު، ސީރީޒްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލީ އިއްޔެއެވެ. އަދި މިހާތަނަށް މި ޓީޒާ ޓްރެއިލާ ވަނީ ހަ މިލިއަނަށްވުރެ ގިނަ މީހުން ބަލައިފައެވެ.
"ގޭމް އޮފް ތްރޯންސް"ގެ ވެގެން ގޮސްފައި ވަނީ ޓީވީ ސިލްސިލާތަކުގެ ތާރީހުގައި ގެނެސްދިން އެންމެ ކާމިޔާބު އަދި އެންމެ ވަރުގަދަ އެއް ޝޯއަށެވެ. މި ޝޯއަށް ވަނީ އެތައް ފަހުރުވެރި އެވޯޑުތަކެއްވެސް ލިބިފައެވެ. ނަމަވެސް މި ޝޯ ނިއްމާލި ގޮތް ބައެއް ފޭނުންނަށް އެހާ ކަމަކުނުދިޔައެވެ.
އެއާއެކު މި ޝޯގެ ޕްރީކުއަލް ސީރީޒް ހައުސް އޮފް ޑްރެގަންސް" ގެނެސްދޭކަން އިއުލާންކުރުމާއެކު ގިނަ ފޭނުން އައީ މި ސީރީޒަށް އިންތިޒާރުކުރަމުންނެވެ. މި ޝޯ ރިލީޒްކުރަން ނިއްމާފައިވަނީ 2022 ވަނަ އަހަރުއެވެ.



