ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން--

ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފި

ހދ. ނޭކުރަންދޫގެ ކުޅިވަރު އެކަޑަމީއެއް ކަމުގައިވާ، ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

އެކަޑަމީގެ ވެބްސައިޓް ލޯބްޗުކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ ހަވީރު ނޭކުރަންދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވެބްސައިޓް ލޯންޗުކޮށްދެއްވީ ނޭކުރެންދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ އަލްފާޟިލް ދާއޫދު އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ވާހަކަދެއްކަވަމުން އެކަޑަމީގެ ރައީސް މުޙައްމަދު ޒާހިރު ވަނީ، އެކަޑަމީގެ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވި އަދި މިހާރުވެސް އެހީތެރިވެދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެކަޑަމީގެ ފަރާތުން ސީނިއާ ޒުވާން އަންހެން ހޭންޑްބޯލް ޓީމެެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ގްރޭޑް 5 ން ފެށިގެން 10 ގެ އަންހެން ދަރިވަރުންނަށް ހޭންޑްބޯލް ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އިއްޔެގެ ހަފްލާގައި ޒާހިރު އިޢުލާނުކުރިއެވެ.

ޒާހިރު ސްޕޯޓްސް އެކެޑަމީގެ ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން--

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީން ކޮންމެ މަހަކު ހޮވާ އެންމެ ރަނގަޅު ދަރިވަރުންގެ ތެރެއިން 2021 އޮގަސްޓް މަހުގެ އެންމެ ރަނގަޅު ދަރިވަރަށް ސެޓްފިކެޓްވެސް ހަވާލުކޮށްފައެވެ. މިގޮތުން ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ނޭކުރެންދޫގައި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަމުގައިވާ އަލްފާޟިލް ޙަސަން އިބްރާހީމެވެ.

ޒާހިރު ސްޕޯޓްސް އެކަޑަމީން ބުނީ، އެކަޑަމީގެ ވެބްސައިޓެއް ތައާރަފްކުރުމުގެ މަގުސަދަކީ އެކަޑަމީން ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް ކައިރިންނާއި ދުރުން އާއްމުންނަށް އެނގިގެންދިއުން ކަމަށެވެ.

ޒާހިރު ސްޕޯޓްސް އެކެޑަމީގެ ބައެއް ދަރިވަރުންނާއި، ބެލެނިވެރިން، އަދި އިސް ފަރާތްތައް--

މި އެކަޑަމީ ފަރާތުން ހޭންޑްބޯލް ކޯޗިންގ ކޭމްޕްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ކުޑަކުދިންނަށް ފުޓުބޯޅަ ތަމްރީނު ކޮށްދިނުމުގެ ހަރަކާތްތައްވެސް މީގެ ކުރިން ވަނީ ހިންގައިފައެވެ. އެގޮތުން މިހަރަކާތްތައް މިހާރުވެސް ކުރިއަށްދާކަމަށް އެކަޑަމީން ފާހަގަކުރެއެވެ.

މިރަސްމިއްޔާތުގައި އެކަޑަމީގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ކްލަބް ޖަމްޢިއްޔާތަކުގެ މެމްބަރުންނާއި މުއައްސަސާތަކުގެ ވެރިންނާއި، ރަށު ކައުންސިލަރުން އަދި ކުޅިވަރަށް ސަޕޯޓުކުރާ ފަރާތްތަކާއި ކުރީގެ މޮޅެތި ފުޓުބުޅަ ކުޅުންތެރިންވެސް ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ