ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމުން، އެފްއޭއެމް އިން މަކަރު ހަދައިފިކަމަށް ބުނެ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ގަލޮޅު ދަނޑުބޭރުގައި މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް ބޮޑު ކިއުއެއް އޮތީ ހަދައިފައެވެ. އަދި ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ތެރޭ ޓިކެޓް ހުސްވެފައިވާ ކަމަށްބުނެ، ކައުންޓަރު ވަނީ ބަންދުކޮށްފައެވެ.
ނަމަވެސް އެފްއޭއެމްއިން މަކަރު ހަދައިފައިވާކަމަށް ތުހުމަތުކޮށް، ޓިކެޓް ނަގަން ދިޔަ ގިނަ ބަޔަކު މިހާރު ވަނީ އެތާގައި މުޒާހަރާކުރަން ފަށައިފައެވެ.
ގަލޮޅު ދަނޑުގައި 10،000 މީހުންގެ ޖާގަ އޮތަސް، ކޮވިޑް-19 އާއި ގުޅިގެން ދަނޑުގެ ސަލާމަތީ ސަބަބުތަކާ ހެދި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ވިއްކަނީ 5000 ޓިކެޓެކެވެ.




