ސާފް ޗެމްޕިއަން ޝީޕްގައި ދިވެހި ރާއްޖެ އާއި ސްރީ ލަންްކާ ބައްދަލު ކުރާ މެޗްގައި ދިވެހި ސަޕޯޓަރުންނަށް އިތުރު 1000 ޓިކެޓް ވިއްކަން ނިންމައިފައިވާ ކަމަށް އެފްއޭއެމް އިން ވިދާޅުވެއްޖެއެވެ.
އެފްއޭއެމް އިން ވިދާޅުވީ، މާދަމާ އޮންނަ މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމުގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކި ހުސްވެފައި ކަމަށެވެ.
ނަމަވެސް ދިވެހިރާއްޖެ ކުޅޭ މި މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރުވާނީ ނިންމާފައިި ކަމަށެވެ.
މި 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައެވެ.
މިއަދު ހެނދުނުން ފެށިގެން ގަލޮޅު ދަނޑުބޭރުގައި މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް ބޮޑު ކިއުއެއް އޮތީ ހަދައިފައެވެ. އަދި ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ތެރޭ ޓިކެޓް ކައުންޓަރު ވަނީ ބަންދުކޮށްފައެވެ.
އި ޓިކެޓް ކައުންޓަރ ބަންދުކުރީ ޓިކެޓް ހުސްވުމުން ކަމަށް ބުނެއެވެ. އަދި ކިއުގައި ތިބި ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުގެ ސަބަބުން، އެފްއޭމްއެމް އިން މަކަރު ހެދީކަމަށް ތުހުމަތުކޮށް، ގިނަ ބަޔަކު މިއަދު ވަނީ ގަލޮޅު ދަނޑު ބޭރުގައި މުޒާހަރާކޮށް ބައްސާމްގެ އިސްތިއުފާއަސް ގޮވައިފައެވެ. އަދި ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑުތެރެއަށްވެސް ވަދެއެވެ. އެއާއެކު އެސްއޯ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.
ގަލޮޅު ދަނޑުގައި 10،000 މީހުންގެ ޖާގަ އޮތަސް، ކޮވިޑް-19 އާއި ގުޅިގެން ދަނޑުގެ ސަލާމަތީ ސަބަބުތަކާ ހެދި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ވިއްކަނީ 5000 ޓިކެޓެކެވެ.




