ސާފްޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް، ދިވެހި ސަޕޯޓަރުންނަށް 3000 ޓިކެޓް ވިއްކަން ނިންމައިފިއެވެ.
ކުރިން ކޮންމެ މީހަކަށް 5 ޓިކެޓް ވިއްކި ނަމަވެސް، ކުރިއަށް އޮތް ރާއްޖެ މެޗަށް މީހަކަށް ވިއްކަން ހަމަޖެހިފައިވަނީ ދެ ޓިކެޓެވެ.
އެފްއޭމްއެމްގެ ރައީސް ބައްސާމް އަދީލް ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށާއި، ޓިކެޓް ވިއްކާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެންކަމަށެވެ.
ބައްސާމް ވިދާޅުވީ، ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުން ކަމަށާއި، އަދި އެތާގައި ތިން ޓިކެޓް ކައުންޓަރުން ދިވެހިންނަށް ޓިކެޓް ވިއްކާނެ ކަމަށެވެ.
އިއްޔެ ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ޓިކެޓްތައް ކުޑަވަގުތުކޮޅެއްގެ ތެރޭ ހުސްވުމުގެ ސަބަބުން، ދިވެހި ސަޕޯޓަރުންނަށް ވިއްކަން ހަމަޖައްސާފައިވާ 2500 ޓިކެޓްގެ އިތުރުން 1000 ޓިކެޓް އެފްއޭމްއެމް އިން ވަނީ ވިއްކައިފައެވެ.
މިފަހަރުވެސް އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވަނީ 200 ޓިކެޓެވެ.
މުބާރާތް ބާއްވާ ގައުމީ ފުޓްބޯޅަ ދަނޑަގު ހާލަތު ހުރި ގޮތުން އެތަނަށް އެއްފަހަރާ ވަދެވެނީ 5000 އެއްހާ މީހުނަށެވެ. އޭގެ ތެރެއިން ވަކި އަދަދެއްގެ ޓިކެޓްތައް ހުންނަނީ ކުޅުންތެރިންނަށާއި ސްޕޮންސަރުން އަދި ކްލަބްތަކަށް ރިޒާވްކޮށްފައެވެ.



