އުރީދޫ ސާފްސެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެ، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާ މިރޭ ހޯދައިފިއެވެ.
މިރޭ ދިވެހިރާއްޖޭގެ ގަލޮޅުދަނޑުގައި ކުޅުނު މެޗުން އިންޑިއާއިން ފައިނަލުގެ ޖާގަ ހޯދީ 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ ރާއްޖެއަށާއި އިންޑިއާއަށްވެސް މުހިއްމު ދެ މެޗަށެވެ.
މިރޭ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އިންޑިއާއިންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި އިންޑިއާގެ ފޯވާޑް މަންވީރު ސިންގް އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް މެޗުގެ ފުރަތަމަ ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.
އެއަށްފަހު ރާއްޖެއިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އިންޑިއާއިން ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަަދު (ހަމްޕު) އަށް އިންޑިއާގެ ފަހަތުން ޕްރިތަމް ކޮޓާލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގު(ދަގަނޑޭ)އެވެ.
1-1 އެއްވަރުވެގެން ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފުގައި ރާއްޖެ ޓީމު ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އިންޑިއާ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 62 ވަނަ މިނިޓުގައެވެ. އޭރިއާތެރެއިން މަންވީރު މެއިން ކޮންޓްރޯލްކޮށްލި ބޯޅަ ސުނިލް ޗެތްރީއަށް ލިބި، ޗެތުރީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެއާއެކު ރާއްޖޭގެ ކުޅުންތެރިންނަށްވެސް މަޔޫސްކަން ލިބުނުއިރު، މުޅި ސްޓޭޑިއަމްގައި ގުގުމަމުންދިޔަ ދިވެހި ސަޕޯޓަރުންގެ އަޑުވެސް މަޑުވިއެވެ. ނަމަވެސް އަނެއްކާވެސް ހިތްވަރުކޮށް ދަގަނޑޭ ވަނީ އިންޑިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެެއް ފޮނުވާލައިފައެވެ. ނަމަވެސް އިންޑިއާގެ ކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި އިންޑިއާއިން ލީޑް ފުޅާކޮށް ތިންވަނަ ގޯލުވަނީ ޖަހައިފައެވެ. މި ގޯލުވެސް ޖަހައިދީފައިވަނި ޗެތްރީއެވެ. މިއީ މި މެޗުގައު ޗެތްރީގެ 2 ވަނަ ގޯލެވެ.
މިރޭގެ މެޗުން ރާއްޖެ ބަލިވެ، "ތިންވަނަ ފަހަރު މިއީ އެފަހަރު" ކަމުގައި ނުވިޔަސް ދިވެހި ގައުމީ ޓީމު ކުރި ހިތްވަރަށް އައްސަރި ބަހާ ސާބަހެވެ. ހިތްވަރު އެލުވާނުލާ އެންމެ ފަހު މިނެޓާއި ޖެހެންދެންވެސް ގައުމީ ޓީމު އައީ ހިތްވަރުކުރަމުންނެވެ. މީގެ އިތުރުން ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ހިތްވަރާއި ސަޕޯޓާއެކު، ދިވެހިން ވަނީ 12 ވަނަ ކުޅުންތެރިޔާގެ މަޤާމު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ.



