2004 ވަނަ އަހަރު ނިއްމާލި ހިޓްް ސީރީޒް "ފްރެންޑްސް"ގައި ވަރަށް މަޖާ ރޯލެއްކަމުގައިވާ، "ގަންތާ"ގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ޖޭމްސް މައިކަލް ޓައިލާ ކެންސަރު ބަލީގައި މަރުވެއްޖެއެވެ.
59 އަހަރުގައި ޖޭމްސް މަރުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ލޮސް އެންޖެލަސް ގައި ހުންނަ އޭނަގެ އަމިއްލަ ގޭގައިކަމަށް އޭނަގެ މެނޭޖަރ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޖޭމްސް އަށް ޖެހިފައިވަނީ ޕްރޮސްޓޭޓް ކެންސަރެވެ. ޖޭމްސް މީގެ ކުރިން ހާމަކުރިގޮތުގައި، ބަލި ހުރީ ޕްރޮސްޓޭޓް ކެންސަރުގެ އެންމެ ނުރައްކާތެރި ސްޓޭޖްކަމަށްވާ 4 ވަނަ ސްޓޭޖްގައެވެ. އަދި މި ކެންސަރަށް އޭނާ ޑައިގްނޮސް ވެފައިވަނީ 2018 ވަނަ އަހަރުއެވެ.
ޕްރޮސްޓޭޓް ކެންސަރަކީ، ޕްރޮސްޓޭޓް ގްލޭންޑަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނީ ފިފިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގުނަވަނެއް ކަމުން މި ބާވަތުގެ ކެންސަރު ޖެހެނީ ހަމައެކަނި ފިރިހެނުންނަށެވެ.
"ފްރެންޑްސް"ގެ 10 ސީޒަންގައިވެސް "ގަންތާ" ނަމަކަށް ކިޔާ ކެފޭއެއްގެ މެނޭޖަރ ރޯލު ކުޅުނު ޖޭމްސް މީގެކުރިން ބުނި ގޮތުގައި، ކެންސަރު ކަށިތަކަށް ފެތުރި އޭނަގެ ހަށިގަނޑުގެ ތިރި އެއްކޮށް ވާގިދިއުމުގެ ސަބަބުން އޭނާއަށް ހިނގާބިނގާވެ ނޫޅެވެއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު މި ކެންސަރަށް ޖޭމްސް ފަރުވާ ހޯދަމުން އައިއިރު، ޖޭމްސް ބުނީ ފުރަތަމަ ކެންސަރަށް ޑައިގްނޮސްވިއިރު، ސަލާމަތްވާނެ ކަމަށް ޑޮކްޓަރުން އުއްމީދު ދިން ކަމަށާއި، ނަމަވެސް ހާލަތު ގޯސްވީ ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ފަރުވާ ނުހޯދުމުން ކަމަށެވެ.
މިދިޔަ މެއި މަހު އެޗްބީއޯއިން ގެނެސްދިން "ފްރެންޑްސް"ގެ ރީޔުނިއަންގައި ޖޭމްސް ބައިވެރިވީ ޒޫމް ވީޑިއޯ ކޯލު މެދުވެރިކޮށެވެ. އަދި އޭރު އެ ޝޯއަށް ގޮސް އޭނާއަށް ބައިވެރިނުވެވުނީ އޭރު ބަލި ހާލަތު ހުރިގޮތުންނެވެ.




