ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ 19 ދިވެހިން މަރާލި އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ--

ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާއަށް 33 އަހަރު!

19 ދިވެހިންގެ ޝަހީދުކޮށްލި، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަށް މިއަދަކީ، 33 އަހަރު ފުރޭ ދުވަހެވެ. މިއީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާއާއި އެދުވަހު، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޝަހީދުވެދިޔަ ދިވެހީންގެ ހަނދާން އައުކުރާ ދުވަހެވެ.

ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ރާއްޖޭގެ ވެރިރަށް މާލެ ގެނެސް، ދިން މި ޓެރެރިސްޓު ހަމަލާއަކީ ހެންވޭރު ހާޖަރާގޭ އަބްދުالله ލުތުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް)އާ ގުޅިގެން ދިން ހަމަލާއެކެވެ. މިހަމަލާ ރާވައި، ހިންގުމުގައި އަބްދުالله ލުތުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، ދިވެހި ޤައުމަށް ހިޔާނަތް ތެރިވިއެވެ.

ދިވެހިރާއްޖެއަށް ޣައްދާރުވި އަދާވާތްތެރިވި ދިވެހިންގެ ބަޔަކާއި ގެ ޓެރަރިސްޓުން ގުޅިގެން ދިން މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހަކު ޒަހަމްވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކު ހިމެނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ސިފައިންގެ 18 މީހުން ހިމެނެއެވެ. މީގެ އިތުރުން ދުސްމިނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް) ގައި މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީއަކުވެސް މި ހަމަލާގައިވަނީ މަރުވެފައެވެ.

ގްރެފިކް އިލަސްޓްރޭޝަން: އެމްއެންޑީއެފް

ޝަހީދުވީ ސިފައިން

  1. ކުޑަނެވި ތުއްތު މަނިކު، ހ. ވައްތީނިގެ
  2. ކުޑަ އާދަމްގެ ކުޑަތުއްތު، މ. ކައުސްލިޕް
  3. އާދަމް ނަޞީރު، ހ. ޝޭޑީވިލާ
  4. ޙުސައިން މުޙައްމަދު، މ. މަސްތަކާގެ (މަބުސްތާނުގެ، ބ. ތުޅާދޫ)
  5. ޙުސައިން އާދަމް، މާވާގެ – ހދ. ކުޅުދުއްފުށި
  6. މުޙައްމަދު އިބްރާހީމް، މ. މެކާނޯގެ (ބަހާރުގެ، ހއ. މުޅަދޫ)
  7. މުޙައްމަދު ޙަސަން، މއ. ޗާނދަނީ ފްލާވަރ (ރަބީޢުގެ، ތ. ދިޔަމިގިލި)
  8. ޢަބްދުﷲ ޒުހައިރު، ހ. މާބަނޑޭރިއާގެ (ޝަރީފާ މަންޒިލް، ގދ. ތިނަދޫ)
ޝަހީދުވި ސިފައިން--

ޝަހީދުވީ ޢާއްމުން

  1. އިބްރާހީމް ޙުސައިން، މއ. އަންނާރުގެ (ހއ. ބާރަށް)
  2. އިސްމާޢީލް ޙަލީމް، މ. ރޯޒްބުޝް
  3. އިބްރާހީމް ހަމީޒު، މ. ބީޗްސައިޑް
  4. ޢުމަރު އަޙްމަދު، ޗާނދަނީގެ، ހއ. ދިއްދޫ
  5. ޢަބްދުއްސައްތާރު އާދަމް، ހ. މެރިހާނާ
  6. ޢަބްދުއްރަޙްމާން އާދަމް، މ. ޑްރީމީލައިޓް
  7. އަޙްމަދު ރަޝީދު، ހ. ވެލްގްރޯ
  8. ޙަސަން ޒަރީރު، އަލިމަސްގެ، ގއ. ވިލިނގިލި
  9. ޖައްވާދު ޢުމަރު، ކާމިނީގެ، ތ. ދިޔަމިގިލި
  10. އަޙްމަދު ލަބީބު، އޯކިޑްމާގެ، ސ. ހިތަދޫ
  11. ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ، ކ. ދިއްފުށި
ބަންޑާރަކޮށީގެ ދިފާއުގައި ބަޑި ޖެހި ބަތަލް ޝަހީދު ހުސެއިން އާދަމް-

މިޢުދުވާނީ ޙަމަލާ ރޭވުމުގައި އިސްކޮށް އުޅުނު 7 މީހަކު ވަނީ ޝަރީޢަތަށް ސާބިތުވެފައެވެ. އެއީ މިޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް އުޅުނު ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީއާއި އެކި ގޮތްގޮތުން މިކަމުގައި އިސްކޮށް ބައިވެރިވެފައިވާ އިތުރު 6 މީހުންނެވެ.

ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި ލުތުފީ

 

ނޮވެމްބަރު 3ގެ ޙަމަލާ ރާވައި ހިންގި ބާޣީން

  1. ޢަބްދުﷲ ލުޠުފީ، ހ. ހާޖަރާގެ (މަރަން ޙުކުމް ކުރެވުނު)
  2. އަޙްމަދު ނާޞިރު، ޕެރިސް ހޮލިޑޭ – ސ. ހިތަދޫ (މަރަން ޙުކުމް ކުރެވުނު)
  3. ޢަބްދުﷲ ޝާހިދު، ޒަމާނީގެ – ސ. ހިތަދޫ (މަރަން ޙުުމް ކުރެވުނު)
  4. ކަރޯ ޢައްބާސް އިބްރާހީމް، ހ. ކަރޯގެ (މަރަން ޙުކުމް ކުރެވުނު)
  5. މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެ (11 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  6. ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެ (15 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  7. ޢުމަރު ޖަމާލު، މއ. ތިނަދޫގެ (13 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު

މަރަން ހުކުމް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރެވުނެވެ. މިކަން މި މަގަށް ނިންމަވައި ރައީސް މައުމޫން އިއުލާނު ކުރެއްވީ 17 ސެޕްޓެމްބަރު 1989 ގައި ރޭޑިއޯ އާއި ޓީވީން ފޮނުއްވި ޚިޠާބެއްގައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ރައީސް މިއަދު ދެއްވި ޙިތާބުގައި ވިދާޅުވީ، "ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންނެވެ. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަން ޖެހެއެވެ."

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ