އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ، 10 ކޮވިޑް ޕޭޝަންޓުން މަރުވެއްޖެ

އިންޑިއާ މަހަރަޝްތްރާގެ ހޮސްޕިޓަލެއްގައި ރޯވެ ކޮވިޑް ބަލި ޖެހިފައިވާ 10 މީހަކު މަރުވެއްޖެ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ މަހަރަޝްތްރާގެ އަހްމަދު ނަގަރްގެ ސިވިލް ހޮސްޕިޓަލްގެ އައިސީޔޫ ގައެވެ. އައިސީޔޫގައި އަލިފާން ރޯވި އިރު 17 ބަލިމީހަކަށް އެތަނުގައި އައީ ފަރުވާދެމުންނެވެ. އަދި އޭގެ ތެރެއިން 10 މީހަކު ވަނީ މި ހާދިސާގައި މަރުވެފައެވެ.

ސްޓޭޓް ހެލްތް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރާއި ހަވާލާދީ އިންޑިއާ ނޫހަކު ރިޕޯޓުކޮށްފައި ވާ ގޮތުގައި، މި އަލިފާނުގެ ހާދިސާގައި ސަލާމަތްވި 7 ބަލިމީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ނަމަވެސް އޭގެ ތެރެއިން ދެ ބަލި މީހުންގެ ހާލަތު ސީރިއަސް ކަމަށް ބުނެފައިވެއެވެ. އަދި މި ހަތް މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

ހެލްތް ޑިޕާޓްމެންޓުން ބުނި ގޮތުގައި، އެ ހޮސްޕިޓަލުގެ އައިސީޔޫ އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާގައި ހުރެއެވެ. އަލިފާން ރޯވެފައި ވަނީ އެ 17 ބަލި މީހުންވެސް އެޑްމިޓްކޮށްފައި އޮތް ގްރައުންޑް ފްލޯގެ އައިސީޔޫ ގައެވެ.

އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައި ނުވީނަމަވެސް، ހެލްތް ޑިޕާޓްމެންޓުން ލަފާކުރާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އިލެކްޓްރިކަލް ޝޯޓް ސާކިޓެއްގެ ސަބަބުންނެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވާ މީހުން ވަނީ އެތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައެވެ.

މި ހިތާމަވެރި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންނާއި އަނިޔާވި އިތުރު 7 މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ