އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ ޖުލައި 20ން ފެށިގެން 29ށް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިގެންގެ ބައްދަލުވުމެއްގައި މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މިއީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ ފުރަތަމަ މުބާރާތެވެ.
ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމު މިމުބާރާތުގައި ވާދަކުރެއެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޣަނީ މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
މިމުބާރާތް އައްޑޫގައި ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ޖޯޝާއި ފޯރީގައި ކުރިއަށްދާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.




