ބޮލީވުޑްގެ ރަންޒަމާނުގެ އެންމެ މަޝްހޫރު ލަވަތައް އަލުން އުފެއްދުން ނުވަތަ ރީމޭކް ކުރުމަކީ އެ އިންޑަސްޓްރީގައި މިހާރު ވަރަށް އާންމުކަމެކެވެ. ކުރީގެ ރީތި ލަވަތައް އެންމެ ޒަމާނީ ސްޓައިލަށް އުފައްދާ އަލުން ނެރޭއިރު، ބައެއް މީހުންނަށްފަހުގެ ވާޝަން ކަމުދާއިރު، އަނެއްބައި މީހުން ބުނާގޮތުގައި އެންމެ ޒަމާނީ ސްޓައިލަށް ކުރީގެ މަޝްހޫރު ލަވަތައް ނެރުމަކީ އެ ލަވައަަށް "ކުރަފި" އެރުވުމެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ސޫރިޔަވަންޝީ" ގައި ހިމެނޭ ކެޓުރީނާ އާއި އަކްޝޭ ނަށާފައިވަނީ "ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ ލަވައަށް ގިނަ ބަޔަކު ކުރީ ތައުރީފެވެ. އޭގެ ހެއްކަކީ އެ ލަވަ ޔޫޓިއުބްގައި ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭ އެ ވީޑިއޯއަށް 20 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުމެވެ. އަދި މިހާރު އެ ލަވައަށް 32 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
"ޓިޕް ޓިޕް ބަރްސާ ޕާނީ"ގެ އޮރިޖިނަލް ލަވައަކީ 1994 ގައި ނެރުނު "މޮހްރާ" ފިލްމްގައި އަކްޝޭ އާއި ރަވީނާ ޓަންޑަން ފެނިގެން ދިޔަ ލަވައެވެ. މި ލަވައިގައި ރަވީނާގެ ފަރި ނެށުމަށް ގިނަ ބަޔަކު ތައުރީފު ކުރިއިރު، އިންޑިއާގެ ގިނަ ޑާންސް ޝޯ ތަކުގައި މި ލަވައަކީ ވަރަށް މަޝްހޫރު ލަވައެކެވެ. ގިނަ ބަޔަކު އޭރު ބުނިގޮތުގައި ރަވީނާ އެ ލަވަ ކުޅެފައިވާ ފެންވަރަށް އިތުރު މީހަކަށް އެ ލަވަ ނުކުޅެވޭނެއެވެ.
މި ލަވައިގެ ރީމޭކެއް ގެނެސްދޭކަން އިއުލާންކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އައީ އެއަށް އިންތިޒާރުކުރަމުންނެވެ. އަދި އަކްޝޭ ބުނި ގޮތުގައި، މި ލަވައިގެ ރީމޭކްއެއް ހަދަން ލިބުމުން އޭޏާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މި ލަވައަކީ އަކްޝޭގެ ފިލްމީ ކެރިއަރުގައި ވަރަށް ހާއްސް ލަވައެއްކަމަށާއި އަދި މި ލަވައިގެ ރީމޭކް އެހެން އެކްޓަރަކަށް ލިބުނު ނަމަ ވަރަށް ދެރަވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަން ޔޫޓިއުބުގެ އެއްވަނައިގައި ޓްރެންޑިން ވަމުން އަންނައިރު، ގިނަ ބަޔަކު ތައުރީފުކުރީ ކެޓްރީނާގެ ނެށުމުގެ ފަރި ހަރަކާތްތަކަށެވެ. ފުރަތަމަ ލަވައެކޭ އެއްގޮތަށް މި ލަވައިގެ މަންޒަރުތައް ފެނިގެންދިޔައީ ވާރޭ ތެރެއިންނެވެ.
މި ލަވަ ކިޔައިދީފައިވަނީ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ އުޑިތު ނާރަޔަން އާއި އަލްކާ ޔަގްނިކް އެވެ.




