ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގައި، އަސްހަދު އަލީ (އަޑުބަރޭ) ގަސްދުގައި ސީޝެލްސް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ދެއްކި ރަތްކާޑާ އެކު 0-0 އިން އެއްވަރު ވެގެން ހިތިގޮތަކަށް މުބާރާތުން ރާއްޖެ ކަޓައިފި އެވެ.
މިއަދުގެ މެޗުގައި އަޑުބަރޭ ކުޅެން އެރުވީ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ފަސް މިނަޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން، ލަނޑެއް ޖަހައިގެން މޮޅުވާން މަޖުބޫރު މި ހާލަތުގައި އަޑުބަރޭ ވަނީ ކުޅެން އެރިތާ މިނިޓެއް ނުވަނީސް، ބޯޅައަކާއި ނުލާ ދުވެފައިވޮސް ކައިރީގައި ހުރި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ގަސްދުގައި ގޮސް އުޅަނބޮށިން ޖަހައިފައެވެ. އިތުރުވަގުތުގެ ދެވަނަ މިނަޓުގައި އަޑުބަރޭ ކުޅެން ނުކުތްތާ ގާތްގަނޑަކަށް 30 ސިކުންތު ތެރޭގައި ގަސްދުގައި ކުރި މި ފައުލާއި ގުޅިގެން ރެފްރީ ވަނީ ވަގުތުން އަޑުބަރޭ އަށް ރަތް ކާޑު ދައްކާފައެވެ.
މި ނަތީޖާއާ އެކު ސީޝެލްސް ފަސް ޕޮއިންޓާ އެކު ފައިނަލުން ޖާގަ ހޯދިއިރު، މި މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މޮޅެއް ނުލިބި ރާއްޖެ ކަޓައިފައިވާއިރު، އަޑުބަރޭ ގެ މި އަމަލު ގިނަ ދިވެހިން މިވަގުތު ސިފަކުރަނީ މުޅި ދިވެހި ރާއްޖެއަށް ހޯދަދިން ބޮޑު ލަދެއްގެ ގޮތުގައެވެ. އެގޮތުން ގިނަ ދިވެހި ސަޕޯޓަރުން އަންނަނީ އަޑުބަރޭ އާ ދެކޮޅަށް އަޑުއުފުލާ، އޭނާ ގައުމީ ޓީމުން ވަކިކުރުމަށްވެސް ގޮވާލަމުންނެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މީހަކު މިފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރުމުން ގިނަ ބަޔަކު އެކަން ބަލައެއް ނުގަނެވުނެވެ.
Ladhun boa halaaku. Gaumu dheke ahna rulhi ehen meehunnah baaluvan jehey tha? Massalakee mi kahala meehun gaumu represent kuruvan aruvaathee. pic.twitter.com/fcTQ8U7wLb
— Aishath Aleesha (@aishath_aleesha) November 16, 2021
ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓުއުރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް، ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވެފައިވާތީވެ، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައިވެސް އަޑުބަރޭއަށް ގައުމީ ޓީމުން ޖާގަ ދިނުމުން ގިނަ ދިވެހިންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި އެވެ.
މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއަށް މިފަހަރު ކުރިމަތިވީ ހުސް ނާކާމިޔާބީއާއެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ހަތަރު ލަނޑު ޖަހައިފައި ވަނިކޮށް ލަންކާ ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. މިއީ ވޭތުވެދިޔަ 18 އަހަރު ތެރޭ ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ.





ހިޔާލު
ބޯހަލާކު ސަހާދެއް. މިފެންވަރުގެ މީހުންނަށް އަދިވެސް ސްޓޭޓް މިނިސްޓަރުކަން ދީފައި ބަހައްޓާ…. މުޅި ޤައުމަށް ހުރި ހުތުރެއް މި ފިރިހެނާޔާހެދި މިލިބުނީ. ބައެއްގެ ނުފޫޒުން ގައުމީ ޓީމަށް އެރުވިޔަސް ކުޅެވެނީކީ އެއް ނޫން. އަރާފަވެސް އެހުރީ ކޮށްލި ކަންތައް. ބޯހަލާކު. މީނާ އަށް ޤައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިނުމަށް ގޮވާލަން….. ޖާމިނު އަޑުބަރޭ…. ގޮތެއް ފޮތެއް ނެތް އަޑުބަރޭ……