ސިޔާސީ ބައިބައިވުންތަކަކީ ޤައުމުގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ހަދައިގެންން ނުވާނެކަމަށް ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ، ސިޔާސީ ބައިބައިވުންތަކާއި ހަލަބޮލިކަމަކީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށާއި، ޤައުމީ މަސްލަހަތަށްވުރެ ސިޔާސީ ވާދަވެރިކަން އިސް ނުކުރުމަށް އެންމެން ހިތުގެ އަޑިން އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
"ސިޔާސީ ބައިބައިވުންތަކަކީ ޤައުމުގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެއްޖެނަމަ އަޅުގަނޑުމެންނަކީ ނިކަމެތި، އަޅުވެތި ބަޔަކަށް ވުމުގެ ފުރުޞަތު އަބަދުވެސް ކުރިމަތިވޭ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ އިސްވާންޖެހޭނީ ދީނާއި ޤައުމާއި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ދިވެހިންނަށް ލިބޭ ފާގަތިކަމާއި އިއްޒަތްތެރިކަން ކަމަށެވެ.
ދަރިން ތަރުބިއްޔަތުކޮށް، ބިނާކުރަންޖެހޭނީ މި އުއްމަތުގެ ފައިދާއާއި މަސްލަހަތު ހުރި ގޮތަށް، މި އުއްމަތަށް ފައިދާ އާއި ރައްކާތެރިކަން ލިބޭ ގޮތަކަށް އަދި އަންނަން އޮތް ޖީލުތަކަށް މި ޤައިމު އަމާންކަމާއެކު ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށްވެސް މިނިސްޓަރު އުމްރާން ވިދާޅުވިއެވެ.
"ދިވެހިންގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރި ކުރެވޭނީ، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މިދެންނެވި މަގުން ބައްޓަން ކޮށްގެން." ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުގެ ދިފާއުގައި ތެދުވަން ޖެހޭނީ ކަނޑި ބަޑި ހިފައިގެން ނޫންކަމަށެވެ.



