މިދިޔަ މަހު ސްރީލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގައި، އަސްހަދު އަލީ (އަޑުބަރޭ) ގަސްދުގައި ސީޝެލްސް ކުޅުންތެރިއަކަށް ހަމަލާ ދިން މައްސަލައިގައި، އެފްއޭއެމް އިން އޭނާ އަށް ފިޔަވަޅު އަޅައިފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަލާ ދިން މައްސަލައިގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފައި ވަނީ އޭނާ ހަ މެޗަށް ސަސްޕެންޑް ކޮށް، 12،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކޮމިޓީއަށްހާޒިރުކުރުމުން ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރު ވެގެން ބެންޗު ކައިރީގައި 15 މިނެޓް ހުންނަން ޖެހުމުން ފްރަސްޓޭޓް ވީ ކަމަށެވެ.
މަހިންދަރާޖް ފޯ ނޭޝަންސް ކަޕްގައި އެދުވަހު ކުޅުނު މެޗުގައި އަޑުބަރޭ ކުޅެން އެރުވީ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ފަސް މިނަޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން، ލަނޑެއް ޖަހައިގެން މޮޅުވާން މަޖުބޫރު މި ހާލަތުގައި އަޑުބަރޭ ވަނީ ކުޅެން އެރިތާ މިނިޓެއް ނުވަނީސް، ބޯޅައަކާއި ނުލާ ދުވެފައިވޮސް ކައިރީގައި ހުރި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ގަސްދުގައި ގޮސް އުޅަނބޮށިން ޖަހައިފައެވެ. އިތުރުވަގުތުގެ ދެވަނަ މިނަޓުގައި އަޑުބަރޭ ކުޅެން ނުކުތްތާ ގާތްގަނޑަކަށް 30 ސިކުންތު ތެރޭގައި ގަސްދުގައި ކުރި މި ފައުލާއި ގުޅިގެން ރެފްރީ ވަނީ ވަގުތުން އަޑުބަރޭ އަށް ރަތް ކާޑު ދައްކާފައެވެ.
އަޑުބަރޭ ގެ މި އަމަލު ގިނަ ދިވެހިން މިވަގުތު ސިފަކުރަނީ މުޅި ދިވެހި ރާއްޖެއަށް ހޯދަދިން ބޮޑު ލަދެއްގެ ގޮތުގައެވެ. އެގޮތުން ގިނަ ދިވެހި ސަޕޯޓަރުން އައީ އަޑުބަރޭ އާ ދެކޮޅަށް އަޑުއުފުލާ، އޭނާ ގައުމީ ޓީމުން ވަކިކުރުމަށްވެސް ގޮވާލަމުންނެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މީހަކު މިފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރުމުން ގިނަ ބަޔަކު އެކަން ބަލައެއް ނުގަނެވުނެވެ.



