ފީއަލިން ޑެންގޫ ޖެހުނު އެއް ކުއްޖަކު ރާއްޖެއިން ބޭރަށް ގެންދަނީ

ފ. ފީއަލިން ޑެންގޫ ޖެހުނު އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

ފީއަލީގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެމުންދާއިރު، އެރަށު ޞިއްޙީމަރުކަޒުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދިޔަ ހަ ކުދިން ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލަންސްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާއިރު، ހާލު ސީރިއަސްވެ ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވަނީ އޭގެ ތެރެއިން އެއް ކުއްޖެކެވެ. އެ ކުއްޖާ މާލެ ގެނައި އިރުވެސް ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފީއަލީގެ ޞިއްޙީ ޚާލަތު ގޯސްވެފައިވާއިރު، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވަނީ ރާއްޖޭގެ މީޑިއާއިން އެ މައްސަލަ ތިލަކުރުމުންނެވެ. މީޑިއާއިން އެ މައްސަލަ ތިލަކުރުމާއެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެރަށުގެ ޚާލަތު ގާތުން ބައްލަވާފައިވާއިރު، ރައީސް އޮފީހުންވެސް އެރަށު ކައުންސިލް މެދުވެރިކޮށް ރަށުގެ ޚަލާތު ބައްލަވާފައިވެއެވެ.

އެރަށުން ޑެންގޫއަށް ޕޮޒިޓިވްވި ހަ ކުއްޖަކު ރޭ މާލެ ގެނައިއިރު، މީގެ ކުރިން ޑެންގޫއަށް ޕޮޒިޓިވް ވެގެން ހަތަރު ކުއްޖަކު މާލެ ގެނެސް ފަރުވާ ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް