އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ--

60% ކުނީގެ މައްސަލައަށް 2023 ގައި ހައްލެއް ލިބޭނެ: ޝައުނާ

ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް، 2023 ވަނަ އަހަރު ނިމިގެންދާއިރު ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ވޭސްޓު އެނާޖީ ޕްރޮޖެކްޓްގެ ދެ ވަނަ ފިޔަވަހި ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ ވަޞީލަތަކަށް ހެދުން ކަމަށެވެ. އަދި މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60% ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަށައި ގަނެވުނީ އެ މިސްރާބަށް ދިއުމަށް ރާއްޖޭގައި ކުރަން ޖެހޭ މަސައްކަތްތައް. މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެން ދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލަތަކަށް ހައްލު ލިބިގެން އަންނާނެ ކަން އަޅުގަނޑު އުފަލާއި އެކީގައި ފާހަގަ ކުރަން،" އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގެ ތިމާވެށީގެ ތާރީހުގައި ކުރިއަށް ގެންދެވޭ ކުނި މެނޭޖްކުރުމުގެ އެންމެ ބޮޑު އަދި ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް 304 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް މިނިސްޓަރު ފާހަގަކުރި އެވެ.

ޝައުނާ ވިދާޅުވިގޮތުގައި، މިވީހާ ދުވަސްވީއިރު ރޭވިގެން ކުނި މެނޭޖްކުރެވޭނެ އިންތިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިފައެއް ނެތެވެ.

"މިވީހާ ދުވަސްވީ ކުނި މެނޭޖް ނުކޮށް. އަޅުގަނޑުމެން އައީ އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އެތަނަށް އޮއްސާލަމުން. އަންދަމުން މިއަދާ ހަމައަށް އައި އިރުގައި އެ ގޮނޑު މިވަނީ އާންމު ނުރައްކަލަކަށް ވެފައި. ގޮނޑުގެ އަލިފާންތައް ދުވަހަކު ވެސް ނުނިވޭ. ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެ އާއި މާލެ ސަރަހައްދުގެ ހުރިހާ ރަށަކަށްވެސް ކުރޭ،" ޝައުނާ ވިދާޅުވިއެވެ. ނަމަވެސް ތިލަފުށީގައި މިވީހާ ދުވަހު ނިވުމެއްނެތި އަންދަމުން ދިޔަ ގޮނޑު މިހާރު ވަނީ ވެމްކޯގެ އެހީއާ އެކު ނިއްވާލައިފައި ކަމަށް ޝައުނާ ފާހަގަކުރިއެވެ.

މިއަދު އިފްތިތާހު ކުރި ވޭސްޓު އެނާޖީ ޕްރޮޖެކްޓް މަޝްރޫއަކީ ދެފިޔަވައްސަކަށް ބަހާލައިގެން ހިންގޭ މަޝްރޫޢެކެވެ. ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗަ ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު މިވަނީ ނިމިފައިއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ވޭސްޓު އެނާޖީ ޕްލާންޓް ޤާއިމުކުރުން ކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން ވޭސްޓު އެނާޖީ ޕްލާންޓު ޤާއިމުކުރުމަށް މިހާރުވަނީ ސްޕޭންގެ މަޝްހޫރު ކުންފުންނެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން, ބިލްޑް އެންޑް އޮޕަރޭޓު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސް ކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މި ފެސިލިޓީ އޮޕަރޭޓް ކުރުމުގައި ހިންގުމަށް ދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭފައިސާ އިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މުހިއްމު މަޝްރޫޢުއަކީ ތިލަފުށީގެ މަލަމަތި މުޅިން ބަދަލުކޮށް، ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާ" ޝައުނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ