ބޭންކެއްގައި ގޮވުމެއް ގޮވާ، 14 މަރެއް!

ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ހުންނަ ބޭންކް އިމާރާތެއްގައި ގޮވުމެއް ގޮވާ، 14 މީހަކު މަރުވެއްޖެ އެވެ.

ކާރާޗީ ފުލުހުންނާ ހަވާލާދީ، ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުން ގޮވަން މެދުވެރިވީ ބޭންކް ހުންނަ އިމާެރާތުގެ ނަޖިސް ފެން ނިޒާމަގެ ނަޖިސް ހޮޅިން، ގޭސް ލީކުވެގެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަން އަދި ޔަޤީންނުވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ނުބެލެވޭ ކަމަށް ބައެއް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މި ގޮވުމުގެ ސަބަބުން މިހާތަނަށް 14 މީހަކު މަރުވުމުގެ އިތުރުން، އެތައް ބަޔަކު ޒަހަމްވެ ހޮސްޕިޓަލުގައި އެމީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މި ހާދިސާގެ މަންޒަރުތައް ދެކުނު މީހަކު މީޑިއާއަކަށް ކިޔައިދިން ގޮތުގައި، އިމާރާތް ގޮވުމުގެ ސަބަބުން ގާތަކުގެ އަޑީގައި އެތައް ބަޔަކު ވަނީ ވަޅުލެވިފަ އެވެ. އަދި އެތާގެ ކެމެރާ ފޫޓޭޖުން ފެންނަ ގޮތުގައި، މި ގޮވުން ހިނގި ވަގުތު ހަބީބް ބޭންކް އިމާރާތުގެ ބޮޑު ދޮރާއި، ކުޑަ ދޮރުތައް ބުރުއްސައިގެން ދާ މަންޒަރު ފެނެއެވެ.

މި ހާދިސާގެ ސަބަބުން އެވަގުތު އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި އެތައް އުޅަނދަކަށްވެސް ވަނީ ގެއްލުން ވެފައެވެ. އަދި އިމާރާތުގެ ތެރޭގައި ހުރީ ލިޔެކިޔުންތައްވެސް މަގުމަތީގައި އޮތެވެ.

ޕޮލިސް އޮފިސަރަކާއި ހަވާލާދީ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ