ފިލްމީ ތަރި ރަވީ ފާރޫޤާއި އައިޝަތު ރިޝްމީގެ ދެ އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފި އެވެ.
ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ މަޤުބޫލު އެއް ޖޯޑު ކަމުގައިވާ ރިޝްމީ އާއި ރަވީގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފައިވާކަން އިއުލާންކުރީ ރިޝްމީ އޭނާގެ އިންސްޓަގްރަމްގައި މިރޭ ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ރިޝްމީ ބުނީ ދެމީހުން ވަކިވާން ނިންމީ އެއީ މިވަގުތު ދެމީހުންނަށްވެސް އެންމެ ރަނގަޅުގޮތް ކަމަށް ވާތީ ކަމަށެވެ.
ރިޝްމީ އާއި ރަވީ ކައިވެނިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުއެވެ. ރަވީ އާއި ރިޝްމީ ކައިވެނިކުރިއިރު، ރިޝްމީ ވަނީ މީގެ ކުރިން ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ)އާ ކައިވެނި ކޮށްފައެވެ. އެކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. އަދި ރަވީ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒްއާ އެވެ. އެކައިވެނި ރޫޅުމަށް ފަހުން އިތުރު ކައިވެންޏެއްކޮށް އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.
ރިޝްމީ މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ، ރަވީ އާއި ކައިވެނިކުރުމަށްފަހު އާއްމުކޮށް ދެމަފިރިއެއްގެ ގުޅުމުގައި ކުރިމަތިވާނެ ކަންކަމާއި އެ ދެމީހުންވެސް ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި ދެމީހުންވެސް އެތައް ކަމެއް ތަހައްމަލުކުރަން ޖެހުނު ކަމަށް ރިޝްމީ ބުންޏެވެ.
އަދި ކޮވިޑްގެ ޕެންޑެމިކް ތެރޭ ދެމީހުންގެ ވިސްނުން ބަދަލުވެ އެކަކު އަނެކަކަށް އެންމެ މުހިއްމުވާ ކަންކަންވެސް ބަދަލުވެފައިވާކަން ރިޝްމީ ވަނީ ފާހަގަކޮށްފަ އެވެ.
ރިޝްމީ ބުނީ، ވަރިވާން ނިންމި ކަމުގައިވިޔަސް ދެމީހުންވެސް ރަނގަޅު ރަހްމަތްތެރިންގެ ގޮތުގައި ތިބޭނެކަމަށެވެ.



