ރައީސްގެ އެންގެވުމަށް ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ހަނގުރާމައެއް ފެށުމުގެ ބިރު ހީވެފައިވާ ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން، އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އަންގަވައިފިއެވެ.

ކޮންމެ ވަގުތަކުވެސް ރަޝިޔާއިން ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑުވެ ހާލަތު ގޯސްވެފައިވާއިރު، އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ ޔޫކްރޭނަށް ހަމަލާދިނުމަށް ރަޝިޔާއިން ތައްޔާރުވަމުންދާ ކަމަށެވެ.

ހާލަތު ގޯސްވެފައިވަނިކޮށް ދިވެހި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

"ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމަށް ރައީސް އެންގެވުމާއި ގުޅިގެން، ފޮރިންގ މިނިސްޓްރީން އެމަސައްކަތް ވަނީ ފަށްޓަވާފައި." މަބްރޫކް ވިދާޅުވިއެވެ.

"މިވަގުތު ރަޝިއާއާއި ޔޫކްރެއިންގައި ހަނގުރާމައެއް ފަށައިފި ނަމަ ނުރައްކާވާނެތީ ރައީސްގެ އެންގެވުމާއި ގުޅިގެން ޔޫކްރެއިންގައި ދިރިއުޅޭ 50 ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް މި މިނިސްޓްރީން ވަނީ ފަށާފައި. އޭގެ ތެރޭގައި ހިމެނެނީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާގެ ފަރާތެއް. މި މިނިސްޓްރީން ވަނީ އެފަރާތްތަކާއި ގުޅައި ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައި." ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެގައުމުގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، އެ ދިވެހިން ތިބީވެސް ރަޝިޔާގެ ބޯޑަރާއި އެންމެ ކައިރި ސިޓީގައެވެ. އެހެންވުމުގެ ސަބަބުން އެ ފަރާތްތަކުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އަދި ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ