މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް، މުސްތަފާ ހައްޔަރުކޮށްފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވައި ފުލުހުން ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ހަވީރު 16:00 ހާއިރު އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.
އެނގިފައިވާ ގޮތުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައިކަން ކަށަވަރު ވާގޮތް ވަނީ ނުވެފައެވެ.
މުޞްޠަފާ ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައިކަން ސާފު ނުވި ނަމަވެސް، ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރު ރައީސް އޮފީހުގެ ނަމުގެ ބަދަލުގައި އޭނާގެ އަމިއްލަ ނަމުގައި ލ.އަތޮޅުގައި ދުއްވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރީގައި ރަޖިސްޓަރީ ކުރި މައްސަލަ ފުލުހުން ބަލަމުން ގޮސްފައިވާކަން އެނގިފައިވެއެވެ.
ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު އެކާރެ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފައިވާކަން ސަރުކާރުގެ ރަސްމީ މުއާމަލާތްތަކުން ހާމަވެފައިވާއިރު، އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގައެވެ. އެ މައްސަލަ ތިލަވުމާއެކު އޭސީސީންވެސް ދިޔައީ އެ މައްސަލަ ބަލަމުންނެވެ.
މުޞްޠަފާ ހައްޔަރުކުރިއިރު، މަޖިލިސް އިންތިޚާބާ މިހާ ގާތްވެފައިވަނިކޮށް ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ.



