ސަރުކާރުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (ޢެފް.އެސް.އެމް) އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
2022 ޖޫން 27 ވަނަ ދުވަހުން ފެށިގެން ތެޔޮ ރައްކާކުރާ މައިރަށް، ކ.ފުނަދޫއިން އަދި މާލޭ ޕެޓްރޯލް ޖެޓީން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ބޮޑުކޮށްފައެެވެ.
އެފްއެސްއެމްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް މިރޭ މެންދަމު އަންގާފައިވާގޮތުން މިއަދުން ފެށިގެން ފުނަދޫ އަދި މާލޭ ޖެޓީން ޕެޓްރޯލް ލިޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.68 ރުފިޔާއަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 20.27 ރުފިޔާއަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިރޭ ބޮޑުކޮށްފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހުވެސް ބޮޑުތަކުން ތެލުގެ އަގު ބޮޑުކުރުމަށްފަހުއެވެ.
Announcement 📢
▪️Changes in fuel price effective 24th June 2022 pic.twitter.com/l4cY7y8HpA— STO (@stoplc) June 23, 2022
އެސްޓީއޯއިން ފުނަދޫ އަދި މާލޭ ޕެޓްރޯލް ޖެޓީން ވިއްކާ ތެލުގެ އަގު އެތައް ފަހަރަކު ބޮޑުކުރި ނަމަވެސް އެކަން ހާމައެއް ނުކުރާއިރު، އެކަން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގަނީ އެސް.އެމް.އެސް މެދުވެރިކޮށެވެ.
ތެލުގެ އަގުގެ ގޮތުގައި އެސްޓީއޯއިން އެންމެ ފަހުން ހާމަކުރި އަގަކީ ޕެޓްރޯލް ލިޓަރެެއް 16.55 ރުފިޔާ އަދި ޑީސަލް ލިޓަރެއް 16.77 ރުފިޔާއެވެ. އެއީ މާލޭ ޝެޑްތަކުން ތެޔޮ ވިއްކާ އަގެވެ. ނަމަވެސް ތެލުގެ މައިގަނޑު ސަޕްލައި ކުރާ ފުނަދޫއާއި މާލޭ ޖެޓީން ވިއްކާ ތެލުގެ އަގު ބޮޑުތަކުން ބޮޑުކޮށް އުޅޭއިރު، އެކަން އެ ކުންފުނިން ހާމަނުކުރެއެވެ.
ތެލުގެ އަގު ފުނަދޫއާއި މާލޭ ޖެޓީން ބޮޑުކޮށްފައިވާއިރު، ބައުޒަރުތަކުން ލޯންޗުތަކަށް އަދި ކަނޑު ދަތުރުކުރާ ދޯނިތަކަށް ވިއްކާ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިކަމާއި ގުޅިގެން ކަނޑުދަތުރުފަތުރުގެ އަގުތައް އަދި މުދަލުގެ ނާލު ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.



