އުނގޫފާރު ސައިފް ޖަމިއްޔާގެ ވޮލީ މުބާރާތުގައި ކޯރާ ކޯރާއިން ފެށުން ރަނގަޅުކޮށްފި

ރ. އުނގޫފާރު ސައިފް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސައިފް އިންޓަ ރިސޯޓް ވޮލީ ބޯލް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗް ތިން ސެޓް އެއް ސެޓްގެ ނަތީޖާއިން ކާމިޔާބުކޮށް ކޯރާ ކޯރާ މޯލްޑިވްސް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އުނގުފާރު ޔޫތު ސެންޓަރުގެ އައުޓް ޑޯ ވޮލީ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރީ ކޯރާ ކޯރާ އަދި ޖޯލި ބީންއެވެ. މި މެޗުގެ ފުރަތަމަ ސެޓް 25-23 ގެ ނަތީޖާއިން ކޯރާ ކޯރާއިން ކާމިޔާބުކޮށްފައި ވަނިކޮށް ދެވަނަ ސެޓް 21-25 ހުން ގެންދިޔައީ ޖޯލި ބީންއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓްގެ ނަތީޖާއަށްފަހު ދެ ޓީމުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ކުޅުނު ތިންވަނަ ސެޓް އަނެއްކާވެސް އެނބުރިގެން ދިޔައީ ކޯރާ ކޯރާ ކޮޅަށެވެ. އެގޮތުން 25-23 ގެ ނަތީޖާއިން އެ ސެޓް ކާމިޔާބުކޮށް ކޯރާ ކޯރާއިން އުއްމީދު އައު ކުރިއެވެ.

ސަޕޯޓަރުން ހުއްޓައިނުލާ ދިން ހިތްވަރާއެކު ހަތަރުވަނަ ސެޓުން މޮޅުވުމަށްޓަކައި ދެ ޓީމުުން ވެސް އިތުރަށް ހިތްވަރުކުރި މަންޒަރު ވަނީ ފެނިފައެވެ. އެގޮތުން ނަތީޖާ އެއްވަރުކުރަން ޖޯލި ބީން މަސައްކަތްކުރި ސެޓް ކޯރާކޯރާ ކޮޅަށް ގެންދިޔައީ 26-24 ގެ ނަތީޖާއިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެޓަރުގެ ކުޅަދާނަކަމުގެ ބޭނުން ފުރިހަމައަށް ހިފާ ބާރު ހަމަލާތަކެއް ފޮނުވާލި ކޯރާ ކޯރާގެ ޖޯޒީ ނަމްބަރު 10 އަހުމަދު މުހައްމަދުއެވެ. މޮޅު ކުޅުންތެރިއާއަށް އިނާމް ހަވާލުކޮށްދެއްވީ އުނގުފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުއެވެ.

މުބާރާތުގެ ކުޅުން މިރޭވެސް އުނގޫފާރު ޔޫތު ސެންޓަރުގެ އައުޓް ޑޯ ވޮލީ ކޯޓުގައި ކުރިއަށް ދާނެއެވެ. ރޭގަނޑު 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިރޭގެ މެޗުގައި ވާދަކުރާނީ ރޭގެ މެޗުން މޮޅުވި ކޯރާ ކޯރާ އަދި މުބާރާތް ހުޅުވި މެޗުން ބަލިވި ޖޯލި މޯލްޑިވްސްއެވެ.

މުބާރާތް އިންތިޒާމްކުރި ސައިފް ޖަމްއިއްޔާއިން ބުނީ މިފަހަރުގެ މުބާރާތް ދެ އަތޮޅަށް ޚާއްޞަކުރި ނަމަވެސް އަމާޒަކީ ކުރިއަށް އޮތް ތަނުގައި މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މުޅި ރާއްޖެއަށްވެސް ފުރުސަތު ހުޅުވާލުން ކަމަށާއި މިފަދަ އިތުރު މުބާރާތްތައްވެސް ބޭއްވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން