ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ވާދަކުރަން ހަމަޖެހިފައިވާ ހއ.ދިއްދޫ ކައުންސިލް ކަޕްގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ދިއްދޫއަށް ނިސްބަތްވާ 6 ޓީމަކުން ވާދަކުރާ ކައުންސިލް ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 28 އިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްދޫ ކައުންސިލުން ބާއްވާ މި ފަހަރުގެ މުބާރާތުގައި އުރީދޫ ދިވެހި ޕްރެމިއަލީގާއި އެފްއޭކަޕްގެ ތަށި ކާމިޔާބު ކުރި މާޒިޔާގެ 4 ކުޅުންތެރިއެއްގެ ކުޅުން ފެނިގެންދާނެއެވެ.
މި މުބާރާތުގައި މިދިޔަ 2021 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޒާ މުހައްމަދު (ހަންޕް)ވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ގްރީން ސްޓްރީޓްގެ ކެޕްޓަން ރިލްވާން (ރިލޭ)، ޓީސީގެ މިޑްފީލްޑަރ ހައިޝަމް، ވެލެންސިއާގެ ބޭރުކުޅުންތެރިޔާ ހަލީލް، ޔޫވީގެ ބޭރުކުޅުންތެރިޔާ މިލޯ، ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ)، އިރުފާނު (އިރޭ)، އައިޝަމް އަދި (ނިހާޓް)ގެ އިތުރުން ފުޓްސަލް ތަރި މުހައްމަދު އަޔާޒު (އަޔާ)ގެ ކުޅުންވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.
ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފޯރި އިތުރުކުރުމަށްޓަަކައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު ޓީމުތަކުގެ ސަޕޯޓަރުންނަށް އަމާޒުކޮށް ދިއްދޫ އޮންލައިން ވަނީ ގޯލް އާރް އެޕް މެދުވެރިކޮށް މެޗްތަކުގެ ނަތީޖާ ދިމާކުރެވޭ ފަރާތްތަކެއް ބެލުަމަށްޓަކައި ސްކޯ ޕްރިޑިކްޝަން އެއް ވެސް ހުޅުވާލާފައެވެ.



