ޗައިނާގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީއަށް ސަޢީދު

ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އިންތިޚާބުވެވަޑައިގެންފިއެވެ.

ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރކަން ކުރައްވާފައިވާ ސަޢީދު އެ ކޮމެޓީއަށް އިންތިޚާބުވެ ވަޑައިގަތީ އެކަމާއި ގުޅޭގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގައެވެ.

މި ފޯރަމްގައި ސަޢީދު ތަގުރީރުވެސް ކުރައްވާފައިވާއިރު، އޭނާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވައި، މިދުވަސްވަރު އެފަދަ ވިޔަފާރިތަކުގައި ގެންގުޅޭ އުސޫލުތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

މިއީ ރާއްޖޭގެ ފަރާތުން ބޭފުޅަކު މި ފޯރަމްގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ތިން އަހަރުގެ މުއްދަތަކަށް ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރެއްގެ މަޤާމަށް ސަޢީދު އިންތިޚާބުވެވަޑައިގަތް އިރު، އޭނާއަކީ މިދިޔަ ސަރުކާރުގައި ޗައިނާ އާއި ރާއްޖެ އާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މި މަހުގެ 21 އިން 22 އާއި ހަމައަށް ކުރިޔަށްދާ ވޯލްޑް އެސްއެމްއީ ފޯރަމްގައި 50 ޤައުމަކުން ދެހާސް މަންދޫބުން ބައިވެވަޑައިގެންފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް