ފ.ފީއަލިން އެމްއެންޑީއެފް ކޯސްޓްގާރޑް ސީއެންބިއުލަންސްގައި ރޭ މާލެ ގެނައި ކުދިންގެ ތެރެއިން ޑެންގޫއަށް ޕޮޒިޓިވް ވީ ދެ ކުދިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
ފީއަލީގެ ޚަލާތާއި ގުޅޭގޮތުން އެޗްޕީއޭ އިން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި އެ އޭޖެންސީން ވިދާޅުވީ، ރޭ މާލެ ގެނައި ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު އިތުރަށް ބެލުމަށާއި، ފަރުވާ ދިނުމަށް އައިޖީއެމ ހޮސްޕިޓަލްގައި އެޑްމިކް ކޮށްފައިވާ ކަމަށާއި، ޑެންގޫއަށް ޕޮޒިޓިވް ވެފައިވަނީ އޭގެ ތެރެއިން 2 ކުދިން ކަމަށެވެ.
"ފީއަލީ ހެލްތު ސެންޓަރުން މަޢުލޫމާތު ދޭގޮތުގައި މިވަގުތު އެތަނުގައި ޑެންގޫ ޖެހިގެން އެޑްމިޓް ކޮށްފައިވަނީ އެއް ކުއްޖެއް." އެޗްޕީއޭގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، ޑެންގޫ ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ހޯދާ، އެތަންތަން އިސްލާހް ކުރުމުގެ މަސައްކަތް، އަދި ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް އެ އޭޖެންސީގެ ލަފާގެ މަތިން ހެލްތު މިނިސްޓްރީ އާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރޭގައި ބަލިން ރައްކާތެރިވުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
"މި މަސައްކަތުގައި ރައްޔިތުންގެ ފަރާތން އެހީތެރިކަމާއި، އެއްބާރުލުން ލިބުމަކީ އަވަހަށް ބަލި ކޮންޓްރޯލް ކުރުމަށް އެޅޭ ބާރަކަށްވާނެ." އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފީއަލިން ޖުމްލަ 10 ޑެންގޫ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 8 ކޭސް ރިޕޯޓް ކޮށްފައިވަނީ މިހިނގާ ފެބުރުވަރީ މަހުގެ 5 އިން 8 އާ ދެމެދު ކަމަށްވެސް އެ އޭޖެންސީން ވަނީ ވިދާޅުވެފައެވެ.
ޑެންގޫ ހުމަކީ މޫސުން ގޯސްވާ ދުވަސްވަރު ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކަމާއި، ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ފުރިހަމައަށް ޒިންމާ އުފުލުން މުހިންމެވެ.