ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެޕަލްގެ އާ އައިފޯން، އައިފޯން 15 ލޯންޗުކޮށް އާންމުންނަށް ދައްކާލައިފިއެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެޕަލްގެ ހާއްސަ އިވެންޓް މިރޭ ރާއްޖެ ގަޑިން 22:00 ގައި ވަނީ ފަށައިފައެވެ. ވޮންޑަލަސްޓް"ގެ ނަމުގައި ކުރިއަށްދާ މި އިވެންޓް ފެއްޓެވީ އެޕަލްގެ ސީއީއޯ ޓިމް ކުކް އެވެ.
މިއަހަރުގެ އިވެންޓްގެ އެންމެ ހާއްސަ އެއްކަމަކަށްވެފައި އޮތީވެސް އެޕަލްގެ އާ އައިފޯން ދައްކާލުމެވެ. ކޮންމެއަހަރަކުވެސް އެޕަލްއިން އާ އައިފޯނެއް އައު ބަދަލުތަކަކާއެކު ނެރޭއިރު، އައިފޯން 15 ވެސް ނެރެފައިވަނީ ގިނަ ބަދަލުތަކަކާއެކު އެވެ.

އެގޮތުން ކުރިންވެސް ހީކުރެވިފައިއޮތްގޮތަށް އައިފޯން 15 އަށް ގެނެސްފައިވާ އެންމެބޮޑު އެއްބަދަލަކީ ލައިޓްނިން ކަނެކްޓަރެއްގެ ބަދަލުގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމެނުމެވެ. އަދި އައިފޯން-15 މެއިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާއެކެވެ.
މީގެ އިތުރުން، އައިފޯން 15 އާއި 15 ޕްރޯ ގައި 48 މެގަޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވާއިރު، އައިފޯން 14 ޕްރޯގައި ތައާރަފްކުރި ޑައިނަމިކް އައިލެންޑް ފީޗާއަށް އައިފޯން 15 ގައި ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
މިފަހަރުގެ ފޯނު ފިޔާތޮށި، ފެހި، ރީނދޫ، ނޫ އަދި ކަޅު ކުލައިންވެސް ލިބެން ހުންނާނެ ކަމަށް އެޕަލް އިން މިރޭ ވަނީ ބުނެފައެވެ. އަދި އައިފޯން-15 ޕްރޯ އަދި އައިފޯން ޕްރޯ-15 މެކްސްގައި ބޭނުންކޮށްފައި ޓައިޓޭނިއަމް ފްރޭމްއާއި އެކު މިއީ މިހާތަނަށް ނެރުނު އެންމެ ތުނި އައިފޯނެވެ. އޭގެ އިތުރުން އައިފޯން ކުރީގެ ފޯނުތަކުގައި ހުރި ރިންގް އޮފް ބަޓަން، އައިފޯން 15 ގައި ވަނީ އެކްޝަން ބަޓަން އަކަށް ބަދަލުކޮށްފަ އެވެ.

އައިފޯން-15 ލިބެންހުންނާނެ އަގަށްބަލާއިރު، އައިފޯން 15 ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އަދި އައިފޯން-15 ޕްލަސްގެ އަގަކީ 899 އެމެރިކާ ޑޮލަރެވެ. އައިފޯން ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އައިފޯން ޕްރޯ މެކްސްގެ އަގަކީ 1199 އެމެރިކާ ޑޮލަރެވެ.
މިރޭގެ އިވެންޓްގައި އެޕަލްއިން ވަނީ ގިނަ ބަދަލުތަކަކާއެކު އެޕަލް ވޮޗް ސީރީޒް-9 އަދި އެޕަލް ވޮޗް އަލްޓްރާ ވެސް ނެރެފައެވެ.




