އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

ދިވެހިންގެ ޤައުމިއްޔަތާއި ޘަޤާފަތާއި އާދަކާދައިގެ ބިންގަލަކީ އިސްލާމްދީން!

ދިވެހިންގެ ޤައުމިއްޔަތުގެ ބިންގަލަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލިގަދަ ނޫރުކަން ޔަގީނެވެ. ދިވެހިންގެ ޤައުމިއްޔަތާއި، ޘަޤާފަތާއި، އާދަކާދަ އެމައްޗަށް ބިނާވެގެން ގޮސްފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ރިވެތި އަދަބުތަކުގެ މައްޗަށެވެ. ޚުރާފީ ބައެއް ކަންކަން އާދަ ކާދައިގެ ތެރޭގައި ހުރިނަމަވެސް، ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ އެންމެ މުޙިއްމު އެއް ބަހާއަކީ އިސްލާމްދީނެވެ. ދިވެހިރާއްޖެ އިސްލާމްވީފަހުން ޙިޖުރީގޮތުން 897 އަހަރު މިހިނގާ ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހަށް ވާއިރު، މިއަދުވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިދީބު އޮތުމަކީ ހާދަހާވާ ބޮޑު ނަސީބެކެވެ. އަގުނުކުރެވޭނެ ބޮޑު ނިޢުމަތެކެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަ ކުރާއިރު، މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނާއި ހަމައަށް އަންނާނީ ހަރުދަނާ އިސްލާމީ އަޤީދާގެ މަތީގައި ތިބި ބަޠަލުންތަކެއްގެ މަސައްކަތުންކަން ޔަގީނެވެ. ދިވެހިންގެ ހިތްތަކުން އިސްލާމީ ހިދާޔަތުގެ ނޫރުގެ އަލިކަން ނިއްވާލަން އެކިޒަމާންތަކުގައި، އެކިގޮތްގޮތުން ތަފާތު މަސައްކަތްތައް ކެނޑިނޭޅި ކުރެވިފައިވާކަން ތާރީޚު ހެކިދެއެވެ. ކަނޑުގެ ބާޒުގެ ވަކިތަކުން ދިވެހިން މިންޖުކުރަން މުޙައްމަދު ތަކުރުފާނު ނުކުންނެވީ މިދެންނެވި ހަރުދަނާ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިސްލާމީ ތާރީޚުން ލިބުނު ފިލާވަޅުތަކުން، ދިވެހިން ނަމޫނާ ނެގިއެވެ. ބަދުރު ހަނގުރާމައާއި އަހުޒާބު ހަނގުރާމައިގައި، މަދު ލަޝްކަރަކުން، ބޮޑެތި ބިޔަ ލަޝްކަރުތަކުގެ މައްޗަށް ކާމީޔާބު ހޯދިފަދައިން، ކަނޑުގެ ބާޒުގެ މައްޗަށް ދިވެހިންގެ ބަޠަލު ޣާޒީ ބަންޑަރައިން ނަޞްރާއި ފަތަޙަ ހޯދީ އަނގަމަތި މަސްދޯންޏެއްގައި ނުކުންނަވައިގެންނެވެ. ދިވެހީންގެ ކަރަށް ރާއަޅަން އޮތްރޭ މަދު މީސްކޮޅަކާއެކު މާލެއަރައި، ފުށެތިކާލުންގެ އެބޮޑު ލަޝްކަރު ބަލިކޮށް ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ.

އިސްލާމްދީނުގެ އަލިގަދަ  ނޫރުން ދިވެހި ބިން އުޖާލާވިފަހުން، ދިވެހިންނަކީ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންވާ، ސާދާ ރީތި ދިރިއުޅުމެއް އުޅެމުންދާ ބައެކެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި، މިސްކިތްތައް ބިނާކުރެވި، ފަސް ވަގުތު ބަންގީގެ އަޑު މުޅި ޖައްވަށް ގުގުމާލާ އަޑަކީ މި ވަތަން އިސްލާމްވީއްސުރެ، މެދުނުކެނޑި އިވެމުންދާ އަޑެއްކަން ޔަގީނެވެ. ދިވެހިންނަކީ މިސްކިތްތަކަށް ކަމޭހިތާ، ނަމާދު ގަޑިއަށް ސަމާލުކަންދީ އާންމު މަސައްކަތްތަކާއި ވިޔަފާރިތައް، ނަމާދުގަޑިއަށް މަޑު ޖައްސާލާ ބައެކެވެ.

މުސްލިމުންގެ އެންމެ ޚާއްޞަ ދުވަސް ކަމަށްވާ ހުކުރު ދުވަހަށް، ދިވެހީންގެ ތެރޭގައިވެސް ޚާއްސަ މަގާމެއް ދެވިފައި ވެއެވެ. ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިފައިވުމުގެ އިތުރުން، މި މާތް ދުވަހު ހުރިހާ މަސައްކަތެއް ހުއްޓާލާ، ހުކުރު ނަމާދަށް ޚާއްސަ ސަމާލުކަމެއްދެއެވެ. އެންމެ އިހުންފެށިގެން މިއަދާއި ހަމައަށްވެސް ފާހަގަކުރެވެނީ މިދުވަހަށް ދޭ ސަމާލުކަމެވެ. އާންމުކޮށް މިސްކިތަށް ނުދެވޭ މީހާވެސް ހުކުރު ނަމާދަށް ކޮންމެ ގޮތަކުންވެސް ނުގޮސް ނުވާ ވަރަށް ދިވެހިންގެ އާދަކާދައިގައި މިކަންވަނީ ހަރުލާފައެވެ. ގޭގައި ހުންނަ ކުޑަ ދަރިފުޅުވެސް ނަލަހައްދާ ރީތި ފޭރާން ލައްވާ ހުކުރަށް ގެންދާތަން އާންމުކޮށް ފެންނާނެއެވެ. ހުކުރުން ފައިބައިގެން އަންނައިރު، ގޭގެ ސުފުރާ ފަޅުފިލުވާލަދޭނީ، ހުކުރު ދުވަހުގެ ޚާއްޞަ ކެއުމުންނެވެ. ގޭގެ އެންމެން އެއްޖަމާއަތެއްގައި ކައިބޮއި ހެދުމަށް އަދި ކަންކަމާއި މަޝްވަރާކޮށްލަން ލިބޭ އެންމެ ފަހި ދުވަހަކީ ހަމަ ހުކުރުދުވަހެވެ.

ހުކުރު ދުވަސް ޚާއްޞަވީފަދައިން، ދިވެހިންނަށް އެންމެ ޚާއްޞަ މަހަކީ ބަރަކާތެރި ރަމަޟާން މަހެވެ. އެއީ މުސްލިމުންނާއި ބައްދަލުކުރާ އެންމެ މާތް އެއްމައްސަރެވެ. ޒަމާނުންސުރެ، މިމަހަށް ދިވެހިން ވަރަށް ބޮޑެތި ތައްޔާރީތަކެއްވެއެވެ. ގޯތިގެދޮރު ސާފުކޮށް ޒީނަތްތެރިކޮށް، ބަދިގެއަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނު ހޯދައި، ކާބޯތަކެތި ގަނެ ރޯދަމަހަށް ތައްޔާރުވުމަކީ ދިވެހިންގެ އާދަކާދައިން ފާހަގަވާކަމެކެވެ. މިއީ ބަދަލުނުވި، އަދި ބަދަލުވުމެއްނެތް، ދިވެހިންގެ ޘަޤާފަތެކެވެ. ރަމަޟާންމަހަށް ޚާއްޞަކޮށް، މަދަރުސާތަކާއި ވަޒީފާތަކުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކޮށް،  އަޅުކަމުގައި މަސްއޫލުވާން އޮފީސްތަކުންވެސް ވަގުތު ހުސްކޮށްދެއެވެ. ތުއްތު ކުދިން ރޯދަ ހިފުމާއި ދީނީ ކަންކަމަށް ޅައިރުއްސުރެ ހިތް ޖެއްސުމަކީ ދިވެހިންގެ ކިބައިން ފާހަގަކުރެވޭ ރީތި ނަމޫނާއެކެވެ.

އަލްހާ ޢީދާއި ފިޠުރު ޢީދު ދުވަހަކީ ދިވެހިންގެ ޘަޤާފަތާއި އާދަކާދަ އެންމެ ފުރިހަމަކޮށް ފެނިގެންދާ މުނާސަބަތެވެ. ރަށުގެ ކުދި ބޮޑު އެންމެން އެއް ޖަމާޢަތެއްގައި ކުރެވޭ ޢީދު ނަމާދާއި، ރައްޔިތުން އެކުގައި އިންސާފުކުރާ ޢީދު ސަޔާއި، ޒުވާނުންގެ ޢީދު ފޯރި ކުޅިވަރުތައް މިގުޅެނީ ބަރަކާތްތެރި ޢީދު ދުވަހާއެވެ. މިދުވަހުން ފާހަގަވާ އެންމެ މުޙިއްމުކަމަކީ ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހިތްހެޔޮކަމާއި ޤައުމީ ލޯތްބެވެ.

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތާއި، އިސްލާމީ ހަޟާރަތާއިއެކު، ދިވެހިންގެ ބަހަށާއި އަކުރަށް ބަދަލުތަކެއްއައެވެ. ދިވެހިބަހުގައި އެންމެ ގިނަ އަދަދަކަށް ބޭނުން ކުރެވެމުންދަނީ ޢަރަބިބަހުގެ ލަފުޒުތަކޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ހަމައެހެންމެ، ހިޖުރީ ކަލަންޑަރަށް ދިވެހިންގެ ކަންކަން ތަރުތީބުވެ، ރާއްޖެ އިސްލާމްވި ދުވަސް، ޤައުމީ ދުވަސް، ޝަޙީދުންގެ ދުވަސް ފަދަ ދުވަސްތައް މިބީދައިން ފާހަގަކުރެވެން ފެށިއެވެ.

އިސްލާމްދީނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނަކަށް ވީއިރު، ދިވެހިންނަކީ ސާފުތާހިރުކަމަށް ލޯބިކުރި އަދި މިހާރުވެސް ލޯބިކުރާ ބައެކެވެ. އަމިއްލަ ރަށާއި، ދިރިއުޅޭ ވެއްޓާއި، ގޯތި ގެދޮރު ސާފުތާހިރުކޮށް ބޭއްވުމުގެ އިތުރުން، އަމިއްލަ ނަފުސުގެ ސާފުތާހިރުކަމަށް އެންމެ ލޯބިކުރާ މީހުންނަކީ ދިވެހިންނޭ ބުނުމަކުން ދޮގަކަށް ނުވާނެކަން ޔަގީނެވެ. ރާއްޖޭގެ މައިގަނޑު ސިނާއަތް، ފަތުރުވެރިކަން ކުރިއަރައިދިއުމުގެ އަސްލަކީ ދިވެހިންގެ ޠަބީއީ ސާފުތާހިރުކަމާއި، މެހެމާންދާރީކަން ޔަގީނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ދިވެހިންގެ ސާފުތާހިރުކަމަށް ތައުރީފުކޮށް ލިޔާކަން ފާހަގަވެއެވެ. ދިވެހިންގެ ޚާއްޞަ ސިފަތަކާއި އާދަތަކަށް ފާހަގަކުރަނީ އިސްލާމީ ރިވެތި އަޚްލާގުގެ ތެރޭގައި ހިމެނޭކަންކަމެވެ. އޭގެތެރޭގައި މެހެމާނުންނަށް ކަމޭހިތުމާއި، އެހެންމީހުންނާއި ބައްދަލުވާހިނދު ހިނިތުންވުމާއިއެކު ސަލާމް ކުރުމާއި، ދިވެހިންގެ ހިތްހެޔޮކަމާއި، ވެށީގެ ސާފުތާހިރުކަމާއި، ވަގުތަށް ކަމޭހިތުމާއި، ރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކުރުނބާފަދަ ކާބޯތަކެތީގެ ހަދިޔާ ދިނުންފަދަ ކަންކަން ދިވެހިން ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.

ދިވެހިންގެ ދައުލަތާއި އިސްލާމްދީން ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 9 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ. އަދި 10 ވަނަ މާއްދާގެ (ހ)ގައި ވަނީ، ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީންކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނޫގެ މައިގަނޑު މަސްދަރުކަމެވެ. އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ވާހަކައެވެ. ހަމަ އެހެންމެ، 2 ވަނަ ބާބުގައި ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ ބަޔާން ކުރެވިފައިވާއިރު، އެ ޙައްޤުތަކާއި މިނިވަންކަން ދީފައިވަނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފު ނުވާގޮތުގެ މަތިންކަން ފާހަގަކުރަންޖެހެއެވެ. ދިވެހި ދަޢުލަތުގެ ނިޝާނުގައި، އަރަބި ބަހުން "އައްދައުލަތުލް މަޙަލްދީބިއްޔާ" މިހެން ލިޔެފައި އޮންނައިރު، ދިވެހި ދިދައިގެ މެދުގައިވާ ހުދު ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިންނަކީ މުސްލިމުންކަމެވެ. ދިވެހި ދަޢުލަތަކީ އިސްލާމީ ދަޢުލަތެއްކަމެވެ. މިކަންކަމުން ރަމްޒުކޮއްދެނީ ދިވެހިން އިސްލާމްދީން ދެކެ ލޯބިވާ މިންވަރާއި، އިސްލާމީ ވަހުދަތު މިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މިންވަރެވެ.

މަޖުބޫރު ރަސްމީ ތަޢުލީމުގައި އިސްލާމް މާއްދާގެ އިތުރުން، ޤުރުއާން ރާއްޖޭގެ ހުރިހާ ރަށެއްގެ ސަރުކާރު ސްކޫލްތަކެއްގައި ކިޔަވައިދެއެވެ. އަދި ބައެއް ސްކޫލްތަކުގައި ޢަރަބި ބަސްވެސް ކިޔަވައިދެއެވެ. ބައެއް މަދު ސްކޫލްގައި ޢަރަބި ބަހުން ކިޔަވައިދޭއިރު، ރާއްޖޭގައި އިސްލާމިކް ޔުނިވާރސިޓީ ޤާއިމްކުރެވިފައި ވެއެވެ. ސްކޫލްތަކުގެ އެސެމްބުލީގައި އަދި ސަރުކާރުގެ ރަސްމީ ޖަލްސާތަކުގައި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުމާއި، އެފަދަ ޖަލްސާ ތަކުގައި ހަމްދު ސަނާ ކިޔުމާއި، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން ފަދަ ކަންކަމުން އިސްލާމްދީނުގެ އަސާސްތައް ދިވެހިންގެ މެދުގައި ބިންވަޅުނަގާ ހަރުލާފައިވެއެވެ.

ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ނަސީބަކީ އިސްލާމްދީނުގެ ޙިދާޔަތެވެ. މިނިވަން ޤައުމެއްގެ މުހިންމުކަން މިއަދު ފަލަސްތީނަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ފަލަސްތީނުގެ މުޖާހިދުން އެކުރަނީ ހިތްވަރުގަދަ ޖިހާދެކެވެ. އަދާކުރަނީ ޤައުމީ އަދި ދީނީ ވާޖީބެކެވެ. އެހެންކަމުން، އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި މި ޤައުމު ބޭއްވުމަށް ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތްކުރަން ޖެހެއެވެ. މާތް ﷲ އަޅުގަނޑުމެންގެ މިކުޑަ ޤައުމު، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދު ލަހައްޓަވާށި! އާމިން!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ