ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފައިންނަށް ނަސޭހަތްތެރިވެ ލައްވަވައިފިއެވެ.
ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް ހިންގުނު 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައި މާރިޔާ ވިދާޅުވެފައިވަނީ ދަސްވެނިވެގެން ސިފައިންގެ އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް އެންމެހާ ދަރިވަރުންނަށް ނަސޭހަތްތެރިވެ ލައްވާކަމަށެވެ.
ސިފައިންގެ ޢަމަލީ މައިދާނުގައި ވެސް ކުރަންޖެހޭ މަސައްކަތްތަކަކީ ވަކި ކުޑަ މަސައްކަތްތަކެއް ނޫންކަން ފާހަގަކޮށް، ފަސްނުޖެހި ދެމިތިބުމަށް މިނިސްޓަރު ވަނީ ސިފައިންނަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ސިފައިންނާއި މަތިކުރެވިފައިވާ، މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއެކު ޢަޒުމް ވަރުގަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް ވެސް ޑިފެންސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު އޮތް މި ޚާއްޞަ ރަސްމިއްޔާތުގައި 64 ވަނަ އަސާސީ ތަމްރީނުކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައިވެއެވެ.
މިރަސްމިއްޔާތުގައި
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި،
ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ
ބެލެނިވެރިން ވަނީ ބައިވެރިވެލައްވާފައެވެ. 2018 އޯގަސްޓް 11 ވަނަ ދުވަހު ފެށި 64 ވަނަ
އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައި ވަނީ 125 ދަރިވަރުންނެވެ. އެއީ 111 ފިރިހެން
ސިފައިންނާއި 14 އަންހެން ސިފައިންނެވެ.