ރަސްމާލެ ބިން ހިއްކަން ފެށުން - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބިޔަ މަޝްރޫއު "ރަސްމާލޭ"ގެ ބިން ހިއްކަން ފަށައިފި

ފުށިދިއްގަރުފަޅުގައި ހިންގުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަދައިގަތް ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިފިއެވެ.

"ރަސްމާލެ" ގެ ނަމުން ނަން ދެވިފައިވާ މި ބިޔަ މަޝްރޫއު ދާދި ދެންމެ ފައްޓަވައިދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ނައިބު ރައީސް ސެމްބެ އަދި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫއު ނިމޭއިރު ވެގެންދާނީ "މޯލްޑިވްސް އިކޯ ސިޓީ" އަށް ކަމަށާއި، އެކަމަކަށްޓަކައި އެ ސިޓީ ވެގެންދާނީ ހުރިހާ ފެސިލިޓީއެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ، "ޒީރޯ ކާބަން ސިޓީއަކަށް" ކަމަށެވެ.

ރަސްމާލެ ބިން ހިއްކަން ފެށުން - ފޮޓޯ: ރައީސް އޮފީސް

1153 ހެކްޓަރު ބިން ހިއްކުން ދާދި ދެންމެ ފެށިގެންދިޔައިރު، ހުއްޓުމެއްނެތި މަސައްކަތްކޮށް 8 މަސް ދުވަހުގެ ތެރޭގައި ބިން އެއްކޮށް ހިއްކައި ނިންމަވާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިރަށުގެ ބޮޑުމިން ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށް ބަލާނަމަ ތިންގުނައާއި އެއްވަރުވާނެއެވެ. ސަރުކާރުގެ އަމާޒަކީ މި ބިޔަ ސިޓީގައި 65000 ހައުސިންގ ޔުނިޓް (ގޯތި/ފްލެޓް ހިމެނޭގޮތަށް) ފޯރުކޮށްދިނުމެވެ.

"މިއަދު މިތާ މިފެށޭ މަޝްރޫއަކީ މިއަދާއި ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު،" ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ އިތުރުން ގިރާވަރު ފަޅާއި، ގުޅީފަޅު އެއްކޮށް ހިއްކައި ނިންމުމުން ޒަމާންތަކަކަށް މާލޭގެ ރައްޔިތުންނަށް ހައްލު ހޯއްދަވައިނުދެވި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށާއި، މިއާ އެކުއެކީގައި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ހައްލު ލިބިގެންދާނެކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުިވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށްވެސް މިތަނުން ގޯތި ލިބިގެންދާނެ ގޮތަކަށް ޕްލޭންކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަށް ތަރައްޤީކުރަނީ ރަށުގެ އެތެރޭގެ ސަރަހައްދުތަކުގައި އުސްމިނުގައި 3 މީޓަރު އަދި ރަށުގެ މޫދާ ވީ ސަރަހައްދުތަކުގައި އުސްމިނުގައި 2 މީޓަރު ހުންނާނެ ގޮތަށް ބައިނަލްއަޤްވާމީ "ސޭފް އައިލެންޑް" މިންގަނޑުތަކަށް ފެތޭގޮތަށެވެ.

ރައީސް ވިދާޅުވީ، ހައިސްޕީޑް ޒަމާނީ ފެރީގެ ނިޒާމަކުން މާލެއާއި ރަސްމާލެ ގުޅާލައި، ރަސްމާލެ އާއި އެންމެ ކައިރީގައި އޮތް ފަޅުގައި ވެލާނާ އެއާޕޯޓަށް އުނދަގޫ ނުވާނޭގޮތަށް އެއަރސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާއި ގުޅާލައްވާނެ ކަމަށެވެ.

މި ރަށް ތަރައްޤީކޮށް ނިމޭއިރު ވެގެންދާނީ ތިމާވެއްޓާ ރަށްޓެހި، 100 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ، ފެހިކަންގަދަ އަދި އެހާމެ ހިތްގައިމު ރަށަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ