ފައިލޭރިއާ ޖެހިފައިވާ އިތުރު ބަޔަކު މާލެ ސަރަހައްދުން ފެނިއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އާންމުކުރި ފަހުގެ މައުލޫމާތަށް ބަލާއިރު، މާލެ ސަރަހައްދުން މި ބައްޔަށް ޖުމްލަ 7 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހުޅުމާލެއިން 5 މީހަކާއި، ގުޅީފަޅުން 1 އަދި މާލެ އިން އެކަކު އެވެ. މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވެފައިވާ މި 7 މީހުންނަކީ ވެސް ބިދޭސީން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން އިއްޔެ ބުނިގޮތުގައި، މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގައި ބައްޔަށް ޓެސްޓުކުރެވުނު 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް މިއަދު ހާމަކުރި ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 22 އަދި 23 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކުރެވުނު ޓެސްޓުގެ ނަތީޖާއިން ހުޅުމާލެއިން ޕޮޒިޓިވްވި އަދަދު ވަނީ 5 އަށް އަރައިފައެވެ.
މި މަހުގެ 22 އަދި 23 ވަނަ ދުވަހު މި ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ވަނީ، ހުޅުމާލޭގެ އިތުރުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލެ އިން ވެސް އެކަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ގުޅީފަޅުން ވެސް ވަނީ އެކަކު މިހާތަނަށް ޕޮޒިޓިވްވެފައެވެ.
މާލެ ސަރަހައްދުން ޖުމްލަ 7 މީހަކު މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 32 އަށް މިވަނީ އަރައިފައެވެ. މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުސް ބިދޭސީންނެވެ. ދިވެއްސަކު މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ރާއްޖެއިން މިހާތަނަށް ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 25 މީހުންނަކީ ހދ. ކުޅުދުއްފުށިން ފެނިފައިވާ މި ބަލީގެ ކޭސްތަކެވެ.
ހދ. ކުޅުފުއްފުށިން މިހާތަނަށް 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 414 މީހަކު ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި، މި މަހުގެ 20 އަދި 21 ވަނަ ދުވަހު ކުޅުދުއްފުށީގައި ދިރިއުޅޭ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މާސް ސްކްރީނިންގައި 155 މީހުން ޓެސްޓްކުރެވިފައިވާއިރު، އެއްވެސް ފަރާތެއް މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، މި ބައްޔަށް ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމު ތަކުންނެވެ.
ފައިލޭއިރާއަކީ ރާއްޖެއިން މީގެއެތައް އަހަރެއްކުރިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ ބައްޔަކެވެ. މި ބަލި އާއްމުކޮށް ފެތުރެނީ ކިއުލެކްސް ނަމަކަށް ކިޔާ މަދިރީގެ ޒަރިއްޔާއިންނެވެ. މި މަދިރިއަކީ ރާއްޖޭގައިވެސް އުޅޭ މަދިރިއެކެވެ. މި ބަލި އާއްމުކޮށް މީހުންނަށް ޖެހެނީ، ފައިލޭރިއާ ޖައްސާ ޖަރާސީމު ހިމެނޭ މަދިރި ވަރަށް ގިނަ ފަހަރު ހެފުމުންނެވެ.