ޖަޕާނަށް މިއަދު އައި ބާރުގަދަ ބިންހެލުމަކަށްފަހު، ސުނާމީ އަރައިފާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޕަބްލިކް ބްރޯޑްކާސްޓިންގް އޯގަނައިޒޭޝަން (އެންއެޗްކޭ) އިން ބުނިގޮތުގައި، 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި ސެންޓްރަލް ޖަޕާނުގެ، އިޝިކާވާ ޕްރިފެކްޗަރ ގެ ނޯޓޯ ސަރަހައްދަށް ވަނީ ބިންހެލުމެއް އައިސްފައެވެ. އަދި މި ބިންހެލުމާއި ގުޅިގެން، އެ ސަރަހައްދުގައި ސުނާމީއެއް އުފެދިފައިވާ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ސުނާމީގެ އިންޒާރު ވަނީ އެ ސަރަހައްދުގެ ނީގަޓާ, ޓޮޔާމާ އަދި ޔަމަގާޓާ ޕްރިފެކްޗާ އަށް ވެސް ވަނީ ދީފައެވެ.
ދީފައިވާ ސުނާމީ އިންޒާރުގައި ބުނެފައިވަނީ، ރާޅުތަކުގެ އުސްމިން ތިން މީޓަރަށް ވުރެ އުސްކޮށް ހުރެދާނެ ކަމަށާއި ޖަޕާން ކަނޑުގެ އައްސޭރީގައިވާ ހުރިހާ ތަނަކަށް ސުނާމީ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
A major tsunami warning has been issued for Ishikawa Prefecture. Tsunami warnings were also issued for Niigata, Toyama, Yamagata, Fukui and Hyogo prefectures along the Japan Sea coast.
Check updates: https://t.co/QbGNxw7brV— NHK WORLD News (@NHKWORLD_News) January 1, 2024
ސުނާމީގެ އިންޒާރާއެކު، އެ ސަރަހައްދުގެ އަސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް މިހާރު ވަނީ އަންގައިފައެވެ.
އެންއެޗްކޭއިން ބުނިގޮތުގައި، މި ސަރަހައްދުތަކަށް މިހާރު ސުނާމީގެ އަސަރު ވަނީ ކުރަން ފަށައިފައެވެ. އެގޮތުން ޖަޕާނުގެ ގަޑިން މިއަދު 4:21 ގައި ވަނީ ފުރަތަމަ ރާޅު އަރައިފައެވެ. އެ ރާޅުގެ އުސްމިނުގައި 1.2 މީޓަރު ހުރިކަމަށް އެންއެޗްކޭ އިން ވަނީ ރިޕޯޓުކޮށްފައެވެ.




