އޮޑެގައްލާގެ އެއްބަސްވުން ބާތިލު ކުރަން ނިންމައިފި

އ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއިން ފަށައިފިއެވެ.

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ވަނީ ވިދާޅުވީ، ސަރުކާރުން އެގޮތަށް ނިންމިއިރު، އެއީ ތިމާވެށީގެ ޚާއްސަ ރަށަކަށް ވާތީ، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފި ނަމަ އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ގެއްލުން ވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށް ދޫކުރީ ޓޫރިޒަމް ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގައިވާ ގޮތަށް ކްލޯސް ބިޑް އުސޫލުން، ހޮޓަލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއަށެވެ.

ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަން އެޗްއާރުސީން ކޮށްފައިވީ ނަމަވެސް މިއަދުން ފެށިގެން އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ލިޔުމުން އަންގާފައި ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާޅުވި އެވެ.

އޮޑެގައްލާގެ މައްސަލާގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އަލީ ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރާއި އެޗްއާރުސީއާ ދެމެދު ވެފައިވާ އެއްބަސް އުވާލައި، އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅެއް ހޯއްދަވާނެ ކަމަށެވެ. 

މި އެއްބަސްވުން ބާތިލުކުރުމުގެ ބަދަލު ޖަނާހަށް ދޭނެ ގޮތެއް އަދި ސަރުކާރުން ނިންމާފައި ނުވެއެވެ.

"ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރު ގެންދިޔުމަކީ މި ސަރުކާރުގެ އަމާޒެއް. ހަމަ އެއާއެކު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ކޮންފިޑެންސް ނުގެއްލޭނެހެން ކަންކަން ތަރުތީބު ކުރުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އީޕީއޭއިން ވެސް ވަނީ އެ ރަށުގައި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ.

އީޕީއޭ އިން ބުނާ ގޮތުގައި އޮޑެގައްލާ އަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެގޮތުން، ގިނަ އަދަދެއްގެ ދޫނި، ބިސް އެޅުމަށާއި ނިދާ މާހައުލަކީ އޮޑެގައްލާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އަދި އަހަރުގެ ވަކި ދުވަސްވަރެއްގައި ވެލާ ބިސް އަޅަން އެ ރަށަށް އަރާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ރައިޔިތުމީހާ

    އޮޑެގައްލާ އާއި އެކު މައްތިދޫ ވެސް ނަގަންޖެހޭނެ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް