އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ރަައީސް އިފްތިތާޙުކޮށްދެއްވައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތަރައްޤީކުރި މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު އިފްތިތާޙު ކޮށްދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގްގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ.

މި ވިންގާއެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމުލަ ޢަދަދު މި ވަނީ 510 އަކަށް އިތުރުކުރެވިފައެވެ.

މިއަދުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ، މާލެ ސަރަޙައްދުގެ ސިއްޙީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައި.ޖީ.އެމް.އެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ކަމާގުޅޭ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

"ބިނާރެކޭ އެއްފަދައިން އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމަށްވެސް އެ މަނިކުފާނު އިސްކަންދެއްވާ" އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި ޢަބްދުއްރައްޒާޤު ހާމަކުރެއްވިއެވެ.

މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ.

އެ މަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް، ވަޒީރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސަރޖަރީ ޑޮކްޓަރ މުޙައްމަދު ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ މަރިޔަމް ޝިފާ، ބައިވެރިވެވަޑައިގަތެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ