މިސަރުކާރު ފެށުނުއިރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުން ރިމާންޑް ކުރާނެ ނިޒާމެއް ނެތް: ލުބްނާ

މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑު ކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މިއީ ޤާނޫނުގައިވެސް ހިމެނިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވިގޮތުގައި މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވާއިރު، އޭގެ ތެރެއިން 70 ޕަސެންޓް މީހުން ވަނީ ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައެވެ. އަދި ރިމާންޑަށް ނެގޭ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތަކާއި ނަފްސާނީ ފަރުވާތައް ދެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫނޭ ބޭނުމަކީ. ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދީ، އެ މީހުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ސަކްސަސްފުލީ ރީއިންޓަގްރޭޓް ކުރެވިދާނެ ބައެއްގެ ގޮތުގައި ހެދުމަށް،" ލުބްނާ ވިދާޅުވިއެވެ.

ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަނުގެ ޖާގަ އިތުރުވުމުން އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެއެވެ. އަދި ހުޅުމާލޭގައި ގާއިމުކުރަމުންދާ ރިމާންޑް ސެންޓަރުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ