ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.
މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީ ކަމުގައިވާ މި ކުތުބުޚާނާގައި 10،000 އަށްވުރެ ގިނަ ފޮތް ތަފާތު ހަތަރު ބަހަކުން ކިޔެން ހުރެއެވެ. މީގެ ތެރޭގައި އަދަބިއްޔާތާއި ފިޤުހާއި ސުންނަތާއި އިސްލާމީ ތާރީޚާއި އިސްލާމީ މާލިއްޔަތާއި ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް ހިމެނެއެވެ.
ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، "އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވާތީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ ޢިލްމު އުނގެނުމަށް. ފޮތަކީ އިންސާނާ ހޭލުންތެރިކޮށްދޭ ހެޔޮ މަގަށް މަގު ދައްކައިދޭ އެއްޗެއް. އިންސާނާގެ ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ އެއްޗެއް" ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ލައިބްރަރީއަށް އިތުރު 5،000 ފޮތް އިތުރުކުރެވޭނެއެވެ. އަދި ސްކޫލް ކުދިންނާއި ޔުނިވަރސިޓީ ދަރިވަރުންނަށް ޚާއްސަ އިންތިޒާމުތަކެއްގެ ދަށުން ލައިބްރަރީ ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކުތުބުޚާނާ ހުޅުވުމާއެކު އެ ވަޢުދުފުޅު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.



